- Advertisement -spot_img

އިންތިޚާބަށްފަހު ވެސް ތަރައްގީގެ މަޝްރޫއުތައް ބާރުމިނުގައި ކުރިއަށްދާނެ: ޝުޖާއު

ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު ނިމުނު ނަމަވެސް، ސަރުކާރުން ފަށާފައިވާ ތަރައްގީގެ މަސައްކަތްތައް މަޑުޖެހިގެން ނުދާނެ ކަމަށާއި، ވެފައިވާ ވައުދުތައް ފުއްދުމުގައި ސަރުކާރު ދެމިއޮންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޝުޖާއު މިހެން ވިދާޅުވީ، ސަރުކާރުގެ މަޝްރޫއުތަކަކީ ހަމައެކަނި އިންތިޚާބާ ދިމާކޮށް ހިންގާ ކަންކަން ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ކުރަމުންދާ ތުހުމަތުތަކަށް ރައްދު ދެއްވަމުންނެވެ.

ސަރުކާރުގެ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށްދާކަމުގެ ހެއްކެއްގެ ގޮތުން، ތ. ގާދިއްފުށީގެ ބިން ހިއްކުމުގެ ބޮޑު މަޝްރޫއު މި ހަފުތާގައި ވަނީ ރަސްމީކޮށް ފަށާފައެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ މުހިންމު ވައުދެކެވެ.

ގާތްގަނޑަކަށް 11 ހެކްޓަރުގެ ބިން އެރަށުން ހިއްކާނެއެވެ. ބިން ހިއްކުމަށްޓަކައި 396,000 ކިއުބިކް މީޓަރުގެ ވެލި އަޅާނެއެވެ. އެ މަސައްކަތް ގާތްގަނޑަކަށް 10 ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ލަފާކުރެވެއެވެ.

ޝުޖާއު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ސަރުކާރުގެ އިގްތިސާދީ ތަސައްވުރު އޮތީ ވަރަށް އުންމީދީ ގޮތެއްގައެވެ. މާލީ އިސްލާހީ ފިޔަވަޅުތަކާއި، ކުރީގެ ދަރަނިތައް މެނޭޖްކުރުމަށް ކުރެވޭ މަސައްކަތްތަކާއެކު، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިވެ، ގައުމުގެ އިގްތިސާދީ ހަމަޖެހުން ގާއިމުވާނެ ކަމުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

 މި މަޝްރޫއުތަކުގެ ސަބަބުން ރައްޔިތުންނަށް ލިބޭ ކުރިއެރުންތައް ކުރިއަށް އޮތް މަސްތަކުގައި އިތުރަށް ފެންނަމުންދާނެ ކަމަށް ވެސް ޝުޖާއު ވިދާޅުވިއެވެ. މިއީ އިންތިޚާބަށްފަހު ވެސް ސަރުކާރުގެ ތަރައްގީގެ ދުވެލި ހުރި މިންވަރު ހާމަކޮށްދޭ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

ގުޅުންހުރި ލިޔުންތައް