- Advertisement -spot_img

ހަނގުރާމައަށް ލޯބިކުރާ އެމެރިކާ ބޭނުންވިގޮތަށް އެއްބަސްވުމަކަށް ނާދެވި ސުލްޙައިގެ މަޝްވަރާތައް މެދުކަނޑާލައިފި

އީރާނާއެކު ޕާކިސްތާނުގެ އިސްލާމްއާބާދުގައި ކުރިއަށްދިޔަ ސުލްޙައިގެ މަޝްވަރާތައް އެއްބަސްވުމަކާ ހަމައަށް ނާދެވި ނާކާމިޔާބުވުމާ ގުޅިގެން، އެމެރިކާގެ މަތީ ފަންތީގެ ވަފުދު އެނބުރި ވޮޝިންޓަނަށް ދިއުމަށްޓަކައި ޕާކިސްތާނުން ފުރައިފިއެވެ.

މި މަޝްވަރާތަކަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް ބުނީ، އެމެރިކާއިން ހުށަހެޅި ޝަރުތުތަކާއި ހުށަހެޅުންތަކަށް އީރާނުން އިންކާރުކޮށްފައިވާ ކަމަށެވެ. އަދި މަޝްވަރާތަކުގެ ތެރެއިން އެމެރިކާއިން ވަރަށް ބޮޑަށް ދޫދީ، ލުއިގޮތްތަކެއް ހޯދައިދިނުމަށް މަސައްކަތް ކުރި ނަމަވެސް، އެއްބަސްވުމަކާ ހަމައަށް ދެވޭގޮތް ނުވިކަމަށް އޭނާ ބުނެފަވެއެވެ.

”މިއީ އުންމީދީ މަޝްވަރާތަކެއް. ނަމަވެސް ހިތާމައަކީ އެއްބަސްވުމަކާ ހަމައަށް ނާދެވުނުކަން. މިއީ އެމެރިކާއަށްވުރެ ބޮޑަށް އީރާނަށް ލިބުނު ދެރައެއް ކަމަށް އަހަރެން ދެކެން،“ ވެންސް ބުނެފަވެއެވެ.

ނިއުކްލިއާ މައްސަލައަށް އަލިއަޅުވާލައްވަމުން ވޭންސް ބުނީ، ރައީސް ޑޮނަލްޑް ޓްރަމްޕްގެ އެންމެ އިސް އަމާޒަކީ އީރާނުން ނިއުކްލިއާ ހަތިޔާރު އުފެއްދުން ހުއްޓުވުން ކަމަށެވެ. އީރާނުގެ ނިއުކްލިއާ ޕްރޮގްރާމަށް މިހާތަނަށް ބޮޑެތި ގެއްލުންތަކެއް ދެވިފައިވީ ނަމަވެސް، ކުރިއަށް އޮތް ތަނުގައި އެފަދަ ހަތިޔާރެއް އީރާނުން ނުއުފައްދާނެ ކަމުގެ ފުރިހަމަ ޔަގީންކަމެއް މި މަޝްވަރާތަކުން ލިބިފައިނުވާ ކަމަށް އޭނާ ބުންޏެވެ.

މިކަމާ ގުޅިގެން އީރާނުގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އީރާނުން މަޝްވަރާތަކުގައި ބައިވެރިވީ ވަރަށް އިޚްލާޞްތެރި ނިޔަތަކާއެކު ކަމަށެވެ. ނަމަވެސް، އެމެރިކާއިން ކުރަމުންދާ ނުޙައްޤު އަދި ބޭއިންސާފު އަމުރުތަކަށް ތަބާނުވާނެ ކަމަށާއި، އީރާނުގެ ޤާނޫނީ ޙައްޤުތަކާއި ޤައުމީ މަސްލަޙަތަށް އެމެރިކާއިން އިޙްތިރާމްކުރަންޖެހޭނެ ކަމަށް އެ ބަޔާނުގައި ބަޔާންކޮށްފައިވެއެވެ.

ވިހި ގަޑިއިރަށްވުރެ ގިނަ ވަގުތަށް ދެމިގެންދިޔަ މި މަޝްވަރާތަކުގެ ތެރޭގައި، އެމެރިކާގެ ވަފުދުން ތަކުރާރުކޮށް ރައީސް ޓްރަމްޕާ މަޝްވަރާކޮށް އިރުޝާދު ހޯދާފައިވެއެވެ. މިގޮތުން މި މަޝްވަރާތަކުގައި ރައީސް ޓްރަމްޕް އަމަލީގޮތުން ބައިވެރިވެ، މަޝްވަރާގެ ތެރޭގައި 6 ފަހަރާއި 12 ފަހަރާ ދެމެދުގެ އަދަދަކަށް ފޯނުން ވާހަކަދެއްކި ކަމަށްވެސް ވެންސް ބުނެފަވެއެވެ.

”އަހަރެމެން މި ފުރަނީ ވަރަށް ސާފު ހުށަހެޅުމެއް ދީފައި. މިއީ އަހަރެމެންގެ އެންމެ ފަހުގެ އަދި އެންމެ ރަނގަޅު ހުށަހެޅުން. އީރާނުން މިއަށް އަމަލުކުރާނެތޯ ބަލާނީ އަހަރެމެން،“ ވެންސް ބުނެފަވެއެވެ.

މި ދަތުރުގައި ނައިބު ރައީސް ވޭންސްގެ އިތުރުން ޖެރެޑް ކުޝްނަރާއި ސްޓީވް ވިޓްކޮފް ވެސް ބައިވެރިވިއެވެ.

މަޝްވަރާތައް ނިންމަވާލެއްވުމަށްފަހު ވޭންސް ވަނީ ޕާކިސްތާނުގެ ބޮޑުވަޒީރަށާއި ފީލްޑް މާޝަލް މުނީރަށް ޚާއްޞަ ޝުކުރެއް އަދާކޮށްފައެވެ. އޭނާ ބުނީ މަޝްވަރާތައް ނާކާމިޔާބުވީ ޕާކިސްތާނުގެ އެއްވެސް އިހުމާލެއް އޮވެގެން ނޫން ކަމަށާއި، މިފަދަ ބޮޑު ބައްދަލުވުމެއް އިންތިޒާމުކުރުމުގައި ޕާކިސްތާނުން ދެއްކީ ނަމޫނާ މަސައްކަތެއް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް