އާރްޓެމިސް II މިޝަނުގެ ކެޕްސޫލާއި އޭގެ ހަތަރު ފަޅުވެރިން، ފަސްދޮޅަސް އަހަރަށްވުރެ ގިނަ ދުވަސް ފަހުން އިންސާނުން ހަނދުގެ ސަރަހައްދަށް ކުރި ފުރަތަމަ ދަތުރު ނިންމާލުމަށްފަހު، ރައްކާތެރިކަމާއެކު ދުނިޔެއަށް އަނބުރާ އައިސްފިއެވެ.
ޖައްވުގައި ގާތްގަނޑަކަށް 10 ދުވަސް ހޭދަކުރުމަށްފަހު، މި ފަޅުވެރިން ދުނިޔޭގެ ޖައްވުގެ ތެރެއަށް ވަދެފައިވަނީ ވަރަށް ބާރު މިނުގައެވެ.
ނާސާގެ ”އިންޓެގްރިޓީ“ ގެ ނަމުން ނަންދެވިފައިވާ އޮރަޔަން ކެޕްސޫލް، މިއަދު ރާއްޖެ ގަޑިން ހެނދުނު 5 ޖަހާ އެހާކަންހާއިރު ދެކުނު ކެލިފޯނިއާގެ އައްސޭރިފަށަށް މަޑުމަޑުން ފޭބީ ޕެރަޝޫޓްގެ އެހީގައެވެ. މިއީ އިންސާނަކު މިހާތަނަށް ޖައްވުގެ އެންމެ ދުރަށް ކުރި ދަތުރުގެ ކާމިޔާބު ނިމުމެވެ.
ޖުމްލަ 694,392 މޭލު (1,117,515 ކިލޯމީޓަރު) ގެ މި ދަތުރުގައި، ދުނިޔެ ވަށައި ދެ ބުރު ޖެހުމަށްފަހު ހަނދުގެ ފުރަގަހުން 252,000 މޭލު ދުރަށް ދަތުރުކުރިއެވެ.
މި ކާމިޔާބު އެނބުރި އައުމަކީ ލޮކްހީޑް މާޓިން ކުންފުނިން އުފައްދާފައިވާ އޮރަޔަން އުޅަނދަށް ކުރިމަތިވި އެންމެ ބޮޑު އިމްތިހާނެވެ. މިއާއެކު، ހަނދުން އެނބުރި އަންނައިރު ޖައްވުގެ ތެރެއަށް ވަންނަ ބާރުގަދަ ފިނިހޫނުމިނާއި ޕްރެޝަރަށް މި އުޅަނދު އެކަށީގެންވާކަން ސާބިތުވެގެންދިޔަ އެވެ. ދުނިޔޭގެ ޖައްވަށް ވަދެގެން އައި 13 މިނެޓުގެ ނުރައްކާތެރި ވަގުތުކޮޅުގައި، އުޅަނދުގެ ބޭރު ފަށަލައިގެ ހޫނުމިން 5,000 ޑިގްރީ ފަރަންހައިޓް (2,760 ޑިގްރީ ސެލްސިއަސް) އަށް އެރިއެވެ.
އެންމެ ބޮޑަށް ހޫނުވި ވަގުތު، އުޅަނދުގެ ވަށައިގެން އުފެދުނު ރަތްކުލައިގެ ގޭސް ފަށަލައިގެ ސަބަބުން، މަދު މިނެޓުކޮޅަކަށް ފަޅުވެރިންނާ އޮތް ރޭޑިއޯ މުއާސަލާތީ ގުޅުން ކެނޑުނު ކަމަށް ނާސާއިން ބުންޏެވެ. ނަމަވެސް އަލުން ގުޅުން ގާއިމުވެ، ޕެރަޝޫޓްތައް ހުޅުވި، އުޅަނދުގެ ދުވެލި ގަޑިއަކު 15 މޭލަށް މަޑުވެގެން ދިޔަ މަންޒަރު ފެނިގެން ދިޔައެވެ. ކަނޑަށް ޖެއްސުމަށްފަހު، ގަޑިއެއްހާއިރު ތެރޭގައި ފަޅުވެރިން އުޅަނދުން ބޭރަށް ނެރެ، މެޑިކަލް ޗެކަޕްތަކަށް ކައިރީގައި އޮތް މަނަވަރަކަށް ވަނީ ގެންގޮސްފަ އެވެ.
މި ހަތަރު ފަޅުވެރިން އޭޕްރީލް 1 ވަނަ ދުވަހު ފްލޮރިޑާގެ ކޭޕް ކެނަވެރަލްއިން ފުރީ ނާސާގެ އެންމެ ބާރުގަދަ ”ސްޕޭސް ލޯންޗް ސިސްޓަމް“ (އެސް.އެލް.އެސް) ރޮކެޓުގަ އެވެ. މިއީ 1960 އަދި 70 ގެ އަހަރުތަކުގެ އެޕޯލޯ ޕްރޮގްރާމަށްފަހު ހަނދާ ގާތަށް އިންސާނުން ކުރި ފުރަތަމަ ދަތުރެވެ. މީގެ އިތުރުން، ވިކްޓަރ ގްލޯވާ އަކީ ހަނދަށް ދަތުރުކުރި ފުރަތަމަ ކަޅު ނަސްލުގެ މީހާ އެވެ. ކްރިސްޓީނާ ކޮކް އަކީ ފުރަތަމަ އަންހެން މީހާ އެވެ. އަދި ޖެރެމީ ހެންސަން އަކީ އެމެރިކާ ނޫން ގައުމަކަށް ނިސްބަތްވާ ފުރަތަމަ އެސްޓްރޮނޯޓެވެ.
މި ދަތުރުގައި އެމީހުން ދުނިޔެއާ 252,756 މޭލު ދުރަށް ދަތުރުކުރި އެވެ. މިއީ 1970 ވަނަ އަހަރު އެޕޯލޯ 13 އިން ގާއިމުކުރި ރެކޯޑަށްވުރެ އިތުރު އަދަދެކެވެ. އާރްޓެމިސް ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ ހަނދުގައި ދާއިމީ ގޮތެއްގައި އިންސާނުން ތިބެވޭނެ އިންތިޒާމު ހަމަޖައްސައި، އެއަށްފަހު މާސް އަށް ކުރާ ދަތުރުތަކަށް މަގުފަހިކުރުން ކަމަށް ވަނީ ބުނެފަ އެވެ.
ކުރީގެ އެޕޯލޯ މިޝަންތަކެކޭ އެއްފަދައިން، މި ދަތުރުވެސް ކުރިއަށް ދިޔައީ ބައިނަލްއަގުވާމީ ސިޔާސީ ނުތަނަވަސްކަމެއްގެ ތެރޭގައެވެ. ކުރިން އެމެރިކާއިން ސޯވިއެޓް ޔޫނިއަނާ ވާދަކުރި ނަމަވެސް، މިފަހަރުގެ ވާދަވެރިއަކީ ޗައިނާއެވެ.
އާރްޓެމިސް II ކާމިޔާބުވުމަކީ އެސްއެލްއެސް ރޮކެޓް އުފެއްދި ބޮއިންގް އަދި ނޯތުރޮޕް ގްރަމަން ކުންފުންޏަށް ލިބުނު ބޮޑު ކާމިޔާބީއެކެވެ. މިއާއެކު، ވޭތުވެދިޔަ ދިހަ އަހަރު ދުވަހު ތަރައްގީކުރި މި އުޅަނދަކީ އިންސާނުން ޖައްވަށް އުފުލުމަށް ރައްކާތެރި އުޅަނދެއްކަން މިހާރު ވަނީ ސާބިތުވެފައެވެ.



