ލުބުނާނަށް އިޒްރޭލުން ދެމުންދާ ހަމަލާތަށް ހުއްޓާނުލާނަމަ ހަނގުރާމަ ހުއްޓާލުމަށް ރޭ އެމެރިކާއާއިއެކު އެއްބަސްވި އެއްބަސްވުމަށް އަމަލު ނުކުރާނެ ކަމުގެ އިންޒާރު އިރާނުން ދީފިއެވެ.
އެމެރިކާއާއިއެކު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އައިސްފައިވާކަން އިރާނާއި އެމެރިކާއިންވެސް ހާމަކުރީ ރޭ ފަތިހުއެވެ. އެގޮތުން އެކަން އިއުލާނުކުރައްވައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ބުނީ ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާއި ފީލްޑް މާޝަލް އާސިމް މުނީރާއެކު ދެއްކި ވާހަކަތަކުގެ މައްޗަށް ބިނާކޮށް އިރާނުން ހޯރްމޫޒް ކަނޑުއޮޅި ވަގުތުން ހުޅުވާލަމަށް އެއްބަސްވެފައިވާތީ އިރާނަށް ރޭ ދޭން ނިންމި ”ފަނާކުރަނިވި“ ހަމަލާތައް މަޑުޖައްސާލައި މިހާރު ދެމުންދާ ހަމަލާތައް އެމެރިކާއިން ދެ ހަފްތާގެ މުއްދަތަކަށް ހުއްޓާލަން ނިންމާފައިވާ ކަމަށެވެ.
އަދި އިރާނުގެ ފަރާތުން ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލުން ރޭ އިއުލާން ކުރި ގޮތުގައި 40 ދުވަހުގެ ހަނގުރާމައަށް ފަހު އެގައުމުގެ އަސްކަރިއްޔާއިން ވަނީ މި ހަނގުރާމައިގައި ކާމިޔާބު ހޯދާފައިއެވެ. އަދި އިރާނުން ހުށަހެޅި 10 ނުކުތާގެ ޕްލޭނަށް އެމެރިކާއިން އެއްބަސްވުމާއިއެކު ހަނގުރާމަ ދެ ހަފްތާގެ މުއްދަތަކަށް މެދުކަނޑާލަންވެސް ނިންމިކަން ރޭ ވަނީ ކަށަވަރުކޮށްދީފައިއެވެ.
އެހެން ނަމަވެސް އިއްޔެ ދެގައުމުން އެއްބަސްވި އެއްބަސްވުމުގައި ލުބުނާނަށް ދެމުންދާ ހަމަލާތައްވެސް ހުއްޓާލަން ޖެހޭކަމަށާއި ނަމަވެސް އިޒްރޭލުން ލުބުނާނަށް ވަރުގަދަ ހަމަލާތަކެއް އަދިވެސް ދެމުންދާއިރު މިއީ އެއްބަސްވުމަކާއި ހިލާފުވުމުގެ އަމަލެއްގެ ގޮތުގައި އިރާނުން ބުނެއެވެ. މިއާއިއެކު ހަނގުރާމަ އަލުން ފަށާނެ ކަމުގެ އިންޒާރު އިރާނުން ވަނީ ދީފައިއެވެ.



