އެތައް މިލިއަން ރުފިޔާއެއް ޚަރަދުކޮށްގެން މާލޭ ސިޓީގެ މަގުތަކުގައި އަލަށް ހަރުކުރި ނަންބޯޑުތަކުގައި ކުށް ހުރުމުގެ ސަބަބުން ގިނަ ބައެއްގެ ފާޑުކިއުން މާލޭ ސިޓީ މޭޔަރަށާއި، ސިޓީ ކައުންސިލަށް އަމާޒުވެއްޖެއެވެ.
މި ނަންބޯޑުތަކުގެ ފޮޓޯތައް މީސް މީޑިއާގެ އެކި މަންސަތަކުގައި މިހާރު ދައުރުވަމުން އަންނައިރު، އެ ފޮޓޯތަކުން ފެނިގެންދަނީ ލޮނުޒިޔާރަތްމަގު އަދި މާފަތްތަކުރުފާނުމަގުގެ ނަން ނުބައިކޮށް ތާނައިން ލެޓިނުން ވެސް ލިޔެފައިވާތަނެވެ. އެގޮތުން ލޮނުޒިޔާރަތްމަގުގެ ނަން ލިޔެފައި ތާނައިން ލިޔެފައި އޮތީ ”ލޮނުޒިޔާރައިމަގު“ އަދި މާފަތްތަކުރުފާނުމަގުގެ ނަން ލިޔެފައި އޮތީ ”މާފައިތަކުރުފާނުމަގު“ މިހެންނެވެ.
ފާޑުކިޔުންތައް އަމާޒުވުމާ ގުޅިގެން މޭޔަރު އާޒިމް ވިދާޅުވީ، މި މަސައްކަތަކީ ކޮންޓްރެކްޓަރަކާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މަސައްކަތެއް ކަމަށެވެ. ނަމަވެސް އެ ކޮންޓްރެކްޓަރާ ބެހޭ އިތުރު ތަފްޞީލެއް އޭނާ ދެއްވައިފައެއް ނުވެއެވެ. އާޒިމް ވިދާޅުވީ، ސިޓީ ކައުންސިލްގެ ސަމާލުކަމަށް މިކަން އައުމުން މި މައްސަލަ ބަލަމުން އަންނަ ކަމަށެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ދިވެހި ބަހުގެ އެކަޑަމީން ވެސް ވަނީ ސިޓީ ކައުންސިލްގެ ސަމާލުކަމަށް މިކަން ގެނެސްފައެވެ.



