ވިލިމާލެ ފަޅުތެރެއަށް ފީނަން ފޭބި މީހަކު ގެއްލިގެން ހޯދަމުން ދަނިކޮށް، މޫދު އަޑީގައި މަރުވެފައި އޮއްވާ މިއަދު ފެނިއްޖެއެވެ.
މި ހާދިސާގައި ނިޔާވެފައިވަނީ އުމުރުން 22 އަހަރުގެ ނޭޕާލް ފިރިހެނެކެވެ.
ފުލުހުން މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި، ވިލިމާލެ ފަޅުތެރެއަށް ފީނަން ގޮސް އުޅުނު މީހަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ 2026 އޭޕްރީލް 8 ވަނަ ދުވަހުގެ ހެނދުނު 06:30 އެހައިކަންހާއިރުއެވެ. މި ރިޕޯޓާ ގުޅިގެން ވިލިމާލެ ޕޮލިސް އާއި މެރިން ޕޮލިސް ގުޅިގެން ވަނީ އެ މީހާ ހޯދުމުގެ މަސައްކަތް ވަގުތުން ފަށާފައެވެ.
އެ މީހާ ފެނިފައިވަނީ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، އެ ދުވަހުގެ ހެނދުނު 06:55 އެހައިކަންހާއިރު މޫދު އަޑީގައި އޮއްވައެވެ. ފުލުހުން ބުނި ގޮތުގައި އެ މީހާ ފެނުމާއެކު ވަގުތުން ވިލިމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފެށި ނަމަވެސް، ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް އެ މީހާ ވަނީ ނިޔާވެފައެވެ.
މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ. ނަމަވެސް މި ހާދިސާ ހިނގަން މެދުވެރިވި ސަބަބާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.



