ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިސްނަގައިގެން ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ތައުލީމު އުނގަންނައިދޭން ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އަމީނިއްޔާ ސްކޫލުގައި ”އައިވޮންޑަރ“ގެ ނަމުގައި ސެންސަރީ ކުލާހެއް ތަރައްގީކޮށްފިއެވެ.
އަމީނިއްޔާ ސްކޫލުގެ ސެން ކްލާސްތަކުގައި 170 އަށްވުރެ ގިނަ ދަރިވަރުން ތަޢުލީމު ހާސިލުކުރެއެވެ.
މި ކްލާސްރޫމް ފަރުމާކޮށްފައިވަނީ ދަރިވަރުން އުނގެނުމަށް ފަހި ތަނެއްގެ ގޮތުގައެވެ. އަދި ކްލާސް މަރާމާތުކުރުމާއި ބޭނުންވާ ހުރިހާ ސަމާނު ފޯރުކޮށްދީފައިވަނީ ބެންކުންނެވެ. އެގޮތުން ކްލާސްރޫމަށް މުހިންމު ބަދަލުތައް ގެނެސް، ދަރިވަރުން އުނގެނުމަށް ފަހި މާހައުލެއް ގާއިމުކުރުމަށް ހާއްސަ ވަސީލަތްތައް ފޯރުކޮށްދީފައި ވެއެވެ.
ބޭންކް އޮފް މޯލްޑިވްސް އިން މީގެ ކުރިންވެސް އެކި ސްކޫލުތަކުގެ ސެން ކްލާސްރޫމްތައް ތަރައްގީކުރުމަށާއި ބޭނުންވާ އާލާތްތައް ހޯދުމަށް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. މިގޮތުން އިމާދުއްދީން ސްކޫލް، ހިރިޔާ ސްކޫލް، ސަލާހުއްދީން ސްކޫލް، ވޭމަންޑޫ ސްކޫލު އަދި ގާފަރު ސްކޫލްގެ ސެން ކްލާސް ތަރައްގީކުރުމަށް އެހީތެރިކަން ފޯރުކޮށްދީފައި ވެއެވެ. އަދި ވޭތުވެދިޔަ އަހަރުތަކުގެތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ 40 އަށް ވުރެ ގިނަ ސްކޫލްގެ ސެން ކްލާސްތަކަށް ބޭނުންވާ އާލާތްތައް ބޭންކުން ހަދިޔާކޮށްފައިވެއެވެ.
ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ތައުލީމު އުނގަންނައިދޭން ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދޭން ބީއެމްއެލްއިން އަބަދު ވެސް ޚާއްސަ އިސްކަމެއްދެއެވެ.



