ތ. ވޭމަންޑޫ ބިން ހިއްކުމުގެ މަސައްކަތް އެންމެ 23 ދުވަހުން ނިންމާލައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވައުދުވެވަޑައިގެންނެވި ގޮތަށް ތ. ވޭމަންޑޫ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ފެށީ ހުސްވި މާޗުމަހުގެ 12 ވަނަ ދުވަހުއެވެ.
ރައީސުލްޖުމްހޫރިއްޔާ 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހު ވޭމަންޑޫއަށް ވަޑައިގެން، އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، ވޭމަންޑޫގެ ބިން ހިއްކުމުގެ މަޝްރޫޢު ކުރިއަށްގެންދަވާނެކަމަށް ވިދާޅުވެފައިވެއެވެ.
މިއަދު “އެކްސް”ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ވޭމަންޑޫ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލެވިފައިވާކަން ހާމަކުރައްވާފަ އެވެ. އަދި މަސައްކަތް ނިންމާލީ މި މަހުގެ ހަތަރު ވަނަ ދުވަހުގައިކަން އެމަނިކުފާނު ވަނީ ހާމަކުރައްވާފަ އެވެ. ޖުމްލަ މި މަސައްކަތަށް ހޭދަވެފައިވަނީ 23 ދުވަހެވެ. ރައީސް ވިދާޅުވީ މި މަޝްރޫއުގެ ތެރެއިން ޖުމްލަ 27 ހެކްޓަރުގެ ބިން ހިއްކާ ނިންމާފައިވާކަމަށެވެ.
މި މަސައްކަތް ކުރި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ މި ބޮޑު އޮޕަރޭޝަން ހިންގުމަށް ބޭނުންކޮށްފައިވަނީ ފިލިއްޕޯ ބްރޫނެލެސްކީ ނަމަކަށް ކިޔާ ޓްރެއިލިން ސަކކްޝަން ހޮޕަރ ޑްރެޖަރެއްކަމަށެވެ.
11,300 ކިއުބިކް މީޓަރުގެ ކެޕޭސިޓީ ހިމެނޭ މި ޑްރެޖަރަކީ ބިން ހިއްކުމުގެ ބޮޑެތި މަޝްރޫއުތަކަށް ހާއްސަ، ގާބިލިއްޔަތުކަން ބޮޑު އުޅަނދެކެވެ.
އާބާދީގައި 1270 މީހުން ދިރިއުޅޭ ވޭމަންޑޫގެ ބިން ހިއްކައި ނިމުމާއެކު، އެރަށުން ގޯތި ދޭނެ އިތުރު ޖާގަ ތަނަވަސްވެގެންދާނެއެވެ. އަދި، އެރަށުގެ އިޤްތިޞާދީ އިތުރު މަސައްކަތްތަކަށް ފުރުޞަތު ފަހިވެގެންދާނެއެވެ.
ވޭމަންޑޫ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން ބިން ހިއްކުމާއި، 819 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 220 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތްކުރާނެއެވެ. އެމްޓީސީސީއާ އެ މަސައްކަތް ޙަވާލުކުރީ 270 ދުވަހުން ނިންމަން 113.19 މިލިއަން ރުފިޔާއަށެވެ.
ބިން ހިއްކުމުގެ މަޝްރޫޢުގެ އިތުރުން ވޭމަންޑޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަކީ ވެސް މި ސަރުކާރުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫއެކެވެ.
ވޭމަންޑޫގައި ސަރުކާރުން ހިންގާ ބޮޑެތި މަޝްރޫޢުތަކުގެ އިތުރުން، ވޭމަންޑޫ އާއި ކިނބިދޫއާ ދޭތެރޭ ގުޅާލުމަށް ކޯޒްވޭއެއް އެޅުމުގެ މަސައްކަތް ވެސް ކުރުމަށް ވަނީ ހަމަޖެހިފައެވެ.



