- Advertisement -spot_img

ފޭސްބުކް މާކެޓްޕްލޭސްގައި މަކަރާއި ހީލަތުން ފައިސާ ހޯދަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުނެފި

ފޭސްބުކް މާކެޓްޕްލޭސް ފަދަ ވަސީލަތްތައް މެދުވެރިކޮށް މުދާ ވިއްކާ ފަރާތްތަކަށް އަމާޒުކޮށްގެން އާ އުކުޅެއް ބޭނުންކޮށްގެން މަކަރާއި ހީލަތުން ފައިސާ ހޯދަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނި ގޮތުގައި މި ސްކޭމްގައި ސްކޭމަރުން އެންމެ ފުރަތަމަ ބަލަނީ މާކެޓްޕްލޭސްގައި ވިއްކާލެވިފައިވާ ކަމަށް ޖަހާފައިވާ ތަކެއްޗެވެ. އަދި މުދާ ވިއްކި ފަރާތަށް ގުޅައި ނުވަތަ މެސެޖުކޮށް، އެ މުދަލަކީ އެމީހުން މަރާމާތު ކުރި އެއްޗެއް ކަމަށް ބުނެ އިތުބާރު ހޯދައެވެ.

މުދާ މަރާމާތުކޮށް ނިންމާފައިވާ ކަމަށް ބުނެ، އެކަމުގެ އުޖޫރަ ނުވަތަ ރިޕެއާ ފީ ދެއްކުމަށް އެދި ބައެއް ފަހަރު ފޭކް ރިސިޕްޓް ނުވަތަ އިންވޮއިސް ވެސް ދައްކާ ކަމަށްވެސް ފުލުހުން ބުންޏެވެ.

މިފަދަ ކަންކަމުން ސަލާމަތްވުމަށް ކުރިން ނުދަންނަ ފަރާތްތަކަށް ފައިސާ ނުފޮނުވުމަށް ފުލުހުން އެދިފައިވެ އެވެ. އެގޮތުން މުދަލެއް މަރާމާތުކުރަން ތިމާ އަމިއްލައަށް ހަވާލުނުކުރާ ފަރާތަކުން ފައިސާއަށް އެދުނަސް އެއްވެސް ފައިސާއެއް ނުފޮނުވުމަށް އިލްތިމާސްކޮށްފައިވެއެވެ.

މީގެ އިތުރުން މަރާމާތުކުރި ކަމަށް ބުނާ ފަރާތަކީ ކޮބައިކަމާއި، އެފަރާތާ މުދާ ހަވާލުކުރީ ކާކުތޯ ސުވާލުކޮށް ކަށަވަރުކުރުމަށް އެދިފައިވެ އެވެ. އަދި ފައިސާ ފޮނުވަން ބުނާ އެކައުންޓަކީ މީގެ ކުރިން ސްކޭމްގެ ރިޕޯޓް ލިބިފައިވާ އެކައުންޓެއްތޯ ބެލުމަށް ސަމާލުވުމަށްވެސް ފުލުހުން ހަނދާކޮށްދީފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް