ބުރާސްފަތި, މާރޗް 13, 2025
spot_img
- Advertisement -spot_img

ދިވެހިރާއްޖޭގެ އިސްރަށްވެހިންގެ ޖަމުޢިއްޔާއާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖޭގެ އިސްރަށްވެހިންގެ ޖަމުޢިއްޔާއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިޔަށްދިޔަ މިބައްދަލުވުމުގައި ދިވެހިރާއްޖޭގެ އިސްރަށްވެހިންގެ ޖަމުޢިއްޔާ އިން ފާހަގަކުރެއްވި ކަންކަމުގައި އެ ޖަމުޢިއްޔާ ހިންގުމުގައި ދިމާވާ އެކިއެކި ގޮންޖެހުންތަކާއި، އެ ޖަމުޢިއްޔާގެ މެންބަރުންގެ ކަންބޮޑުވުންތައް ވަނީ ހިއްސާކޮށްފައެވެ.

އަދި މީގެ އިތުރުން ރައީސްގެ އިސްނެންގެވުމުގެ މަތިން އިސްރަށްވެހިންގެ ނާދީ އަލުން ހުޅުއްވައިދެއްވިކަމަށްޓަކައި އެ ބޭފުޅުން ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރުއަދާކޮށްފައެވެ. އަދި އިސްރަށްވެހިންގެ ނާދީގެ ހިންގުން އިތުރަށް ހަރުދަނާކޮށް، އެތަނުގައި އިސްރަށްވެހިންނަށް ޚާއްޞަކޮށް ހިންގޭ އެކިއެކި ޕްރޮގްރާމްތަކުގައި އިސްރަށްވެހިންގެ ބައިވެރިވުން އިތުރުކުރުމަށް ރައީސްއާއިއެކު ވަނީ މަޝްވަރާކޮށްފައެވެ.

އަދި ދިވެހިރާއްޖޭގެ އިސްރަށްވެހިންގެ ޖަމުޢިއްޔާ ފަދަ އަމިއްލަ ޖަމުޢިއްޔާތައް ހިންގުމަށް ބޭނުންވާ އޮފީސް ޖާގަ ހޯދުމުގައި ހުރި ދަތިތައްވެސް އެބޭފުޅުން ވަނީ ރައީސްގެ އަރިހުގައި ދަންނަވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އަމިއްލަ ޖަމުޢިއްޔާތައް ހިންގުމަށް ސަރުކާރުން އެހީތެރިކަން ދެއްވުމަށް އެ މަނިކުފާނު ގެންގުޅުއްވާ ވިސްނުންފުޅުތައް ވަނީ ހިއްސާކުރައްވާފައެވެ. އެ ގޮތުން ދިވެހިރާއްޖޭގެ ކުރިއެރުމަށް ހިއްސާވާ އެކިއެކި ޖަމުޢިއްޔާތަކަށް އޮފީސް ޖާގަ ހޯއްދަވައިދެއްވުމަށް އޮފީސް ކޮމްޕްލެކްސްއެއް ޢިމާރާތް ކުރެއްވުމަކީ އެ މަނިކުފާނުގެ މެނިފެސްޓޯގައި ހިމަނުއްވާފައިވާ ކަމެއްކަން ވަނީ ހާމަކުރައްވާފައެވެ. އެހެންކަމުން ސަރުކާރުގެ ކަންކަން ތަރުތީބުވެގެން އަންނަ އުސޫލުގެ ތެރެއިން ބަޖެޓުވެގެން އެ މަސައްކަތް ކުރިއަށް ގެންދަވާނެކަން އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ދިވެހި މުޖުތަމަޢަކީ ތަހުޒީބު މުޖުތަމަޢަކަށް ހެދުމަށް އިތުރު މަސައްކަތްތަކެއް ކުރަންޖެހިފައިވާކަން އެ ބޭފުޅުންގެ ވާހަކަފުޅުގައި ހާމަކުރެއްވިއެވެ. އެގޮތުން ދިވެހިރާއްޖޭގެ ކުރިމަގަށް ފައިދާހުރި އެކިއެކި ދާއިރާތަކުން ތަޖުރިބާ ހިއްސާކުރެއްވުމަށް އެ ޖަމުޢިއްޔާގެ މެންބަރުން ތައްޔާރަށް ތިއްބެވިކަން ރައީސްއަށް ހާމަކޮށްދެއްވިއެވެ.

މުޖުތަމަޢުގެ އާންމު އިޖުތިމާޢީ މިންގަނޑު ހަރުދަނާ ކުރުމަށާއި ތަހުޒީބު މުޖުތަމަޢެއް ބިނާކުރުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ އެކިއެކި މަސައްކަތުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާ ވަނީ އެބޭފުޅުންނާ ހިއްސާކުރައްވާފައެވެ. އަދި މި ބައްދަލުކުރެއްވުމުގައި އެ ބޭފުޅުން ހުށައެޅުއްވި އެކިއެކި ކަންކަމަށް ޙައްލު ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ އެ ބޭފުޅުންނަށް ދެއްވިއެވެ.

ގުޅުންހުރި ލިޔުންތައް