ގާތްގާތުގައި ދެ ބިލެއް ފޮނުވާ ވާހަކައަކީ މީޑިއާތައް މެދުވެރިކޮށް މީގެ ކުރިން އަޅުގަނޑުމެން ވަރަށް ހާމަކަން ބޮޑު ގޮތެއްގައި ދައްކާފައި އޮތް ވާހައެއްކަމާއި އެކެން އެގޮތަށް ކުރީ ކަސްޓަމަރުންގެ ފައިދާއަށްޓަކައި ކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން ފަހުމީ ވިދާޅުވެއްޖެއެވެ.
ފަހުމީ މިހެން ވިދާޅުވީ ސްޓެލްކޯއިން ގާތްގާތުގައި ކަސްޓަމަރުންނަށް ދެ ބިލެއް ފޮނުވާފައިވާތީވެ އެކަމުގެ ޝަކުވާތައް އުފެދިފައިވާ ދަނޑިވަޅެއްގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މިކަން އިތުރަށް ތަފްސީލްކޮށްދެއްވަމުން ފަހުމީ ވިދާޅުވީ އެނިންމުމަކީ ކަސްޓަމަރުންގެ ފައިދާއަށް ނިންމި ނިންމުމެއްކަމަށާއި، އެއީ އެއް ޔޫސޭޖަކަށް ކޮށްފައިވާ ބިލްތަކެއް ނޫންކަމަށެވެ. އަދި އެކަން ބިލްތަކުގެ ރީޑިންގ ނެގި ތާރީޙުތަކުން އެނގެން ހުންނާނެކަންވެސް އޭނާ ފަހަގަކުރެއެވެ. އެހެންކަމުން ފަހުން ފޮނުވާފައިވާ ބިލަކީ މީގެ ކުރިން ސްޓެލްކޯގެ ބިލިންގ ސައިކަލްގައި ހިމެނޭ ރީޑިންގ ނެގުމަށްފަހު ބިލް ޑެލިވާ ކުރުމުގައި އުޅޭ 20 ނުވަތަ 25 ދުވަހުގެ ޑިލޭގެ ބެކްލޮގް ފިލުވާލުމަށް ފޮނުވާ ބިލެއްކަން ފަހުމީ ވަނީ ފާހަގަކޮށްފައެވެ.
މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް މާލީ ގޮތުން ދިމާވެދާނެ ދަތިކަމަށް ލުޔެއް ދިނުމުގެ ގޮތުން ޖޫރިމަނާ ނާރާގޮތަށް މި ބިލް ދެއްކުމަށް ވަނީ 30 ދުވަހުގެ މުހުލަތެއްވެސް ދެވިފައެވެ. ސްޓެލްކޯއަކީ ޤައުމީ ޚިދުމަތުގައި 75 އަހަރު ހޭދަކޮށްފައިވާ ކުންފުންޏެއްކަމަށާއި ސްޓެލްކޯއިން އެއްވެސް ކަމެއް ރައްޔިތުންނަށް އޮޅުވާލުމުގެ ނިޔަތުގައި ނުކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން ފަހުމީ ވަނީ ދެއްވާފައެވެ.
މިގޮތަށް ބިލް ތައްޔާރުކުރުމަށްފަހު ފޮނުވުމުގެ ބޭނުމަކީ ރޯދަމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ރޯދަމަސް ނިމެންދެން އެއް ބިލެއްގެ ގޮތުގައި މުޅި ރޯދަ މަހުގެ ޔޫސޭޖަށް ބިލެއް ތައްޔާރުކުރުމެވެ. އޭރަށް ސަރުކާރުން ރައްޔިތުންނަށް ދޭން ނިންމާފައިވާ ޑިސްކައުންޓް އެ ބިލްގައި ހިމެނުންވެސް ހިމެނުމަށް ފަސޭހަވެގެންދާނެއެވެ.
އެހެންނަމަވެސް މީގެ ކުރިން މި ދެންނެވި ބެކްލޮގާއި އެކު އެ ބިލް ފޮނުވާނަމަ ޑިސްކައުންޓް ދެވިގެންދާނީ ރޯދަމަހު ކަރަންޓް ބޭނުންކުރާ އެއްބަޔަށްކަމަށް ފާހަގަކުރަމުން ފަހުމީ ވިދާޅުވީ މިކަން މިގޮތަށް ކުރަންޖެހުނީ ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޑިސްކައުންޓްގެ ފައިދާ އެންމެ ފުރިހަމަގޮތުގައި ކަސްޓަމަރުންނަށް ހޯދަ ދިނުމަށްކަމަށެވެ.
އަދި މީގެއިތުރުން މި ބެކްލޮގް ފިލުވާލެވުމާއެކު އެޕްރީލް މަހުން ފެށިގެން ކޮންމެމަހެއްގެ ފަހު ހަފްތާގައި ރީޑިންގ ނެގުމަށްފަހު ޖެހިގެން އަންނަ ދުވަހު އެ ބިލް ކަސްޓަމަރުންނަށް ފޮނުވޭނެއެވެ. މިގޮތަށް ކަންތައް ކުރުމުން ކަސްޓަމަރުންނަށް އެ ބިލްގައިވާ ރީޑިންގ އާއި މީޓަރާއި އަޅާ ކިއުމުގެ ފުރުސަތު ލިބި ކަސްޓަމަރުންގެ އިތުބާރު ސްޓެލްކޯއަށް ލިބިގެންދާނެކަމަށްވެސް ފަހުމީ ވަނީ ފާހަގަކޮށްފައެވެ.



