- Advertisement -spot_img

ބޮސްނިއާ އަތުން ބަލިވެ އިޓަލީއަށް އަނެއްކާވެސް ވޯލްޑް ކަޕުން ފުރުސަތު ގެއްލިއްޖެ

ޔޫރަޕްގެ ވޯލްޑް ކަޕް ކޮލިފިކޭޝަން ފަހު ޖާގަތަކަށް ކުޅުނު ޕްލޭ އޮފް ފައިނަލްގައި ވާދަކުރި އިޓަލީން ބޮސްނިއާ ކައިރިން ޕެނަލްޓީގައި ބަލިވެ، ޖެހިޖެހިގެން ތިންވަނަ ވޯލްޑް ކަޕަކުން ފުރުސަތު ގެއްލިއްޖެއެވެ.

މީގެ ކުރިން ހަތަރު ފަހަރު ވޯލްޑް ކަޕް ކާމިޔާބު ކޮށްފައިވާ އިޓަލީއަށް އަނެއްކާވެސް ވޯލްޑް ކަޕުން ފުރުސަތު ގެއްލުނީ ރޭ ބޮސްނިއާގެ ބިލީނޯ ޕޮލްޖޭ ސްޓޭޑިއަމްގައި ކުޅުނު ޕްލޭ އޮފް ފައިނަލުގައި ޕެނަލްޓީ ޖަހައިގެން 4-1 އިން ބަލިވެގެންނެވެ. މެޗު ޕެނަލްޓީއަށް ދިޔައީ ފުރިހަމަ ވަގުތާއި އިތުރު ވަގުތު ނިމުނުއިރުވެސް 1-1 އިން އެއްވަރުވެފައި އޮތުމުންނެވެ.

އިޓަލީން 2014 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ވޯލްޑް ކަޕަށް ދާން މަސައްކަތް ކުރި އިރު، މިއީ ބޮސްނިއާވެސް އެ އަހަރު ފަހުން ވޯލްޑް ކަޕަށް ކޮލިފައިވި ފުރަތަމަ ފަހަރެވެ.

ޖެނެރޯ ގަޓޫސޯގެ އިރުޝާދުގެ ދަށުން ކުޅެމުން ދިޔަ އިޓަލީން މެޗު ފެށީ ރަނގަޅަށެވެ. ކުރީކޮޅުގައި މޮއިސް ކީން ވަނީ އިޓަލީއަށް ލީޑުވެސް ނަގައިދީފައެވެ. މެޗުގެ 15 ވަނަ މިނެޓުގައި ކީން މޮއިސްއަށް ގޯލް ޖަހައިދިނީ ބޮސްނިއާ ކީޕަރު ނިކޮލާ ވަސިލިޗް އަތުން ހެދުނު ގޯހެއްގެ ބޭނުން ހިފައިގެންނެވެ.

އިޓަލީއަށް މެޗު އުނދަގޫވީ ހާފު ނިމެން ދަނިކޮށް އެލެސާންޑްރޯ ބަސްޓޯނީއަށް ސީދާ ރަތެއް ދެއްކުމާ ގުޅިގެންނެވެ. ބަސްޓޯނީއަށް ރަތް ކާޑު ދެއްކީ އެންމެ ފަހު ޑިފެންޑަރެއްގެ ގޮތުގައި ހުރެ ކުރި ޓެކުލަކަށެވެ.

އެ ގޯލަށްފަހު ދެވަނަ ހާފުގައި ބޮސްނިއާއިން އިޓަލީގެ ފަހަތަށް ޕްރެޝަރު ބޮޑުކުރި އިރު، އެޓީމުގެ ގިނަ ހަމަލާތަކެއް އިޓަލީގެ ކީޕަރު ޖިއާންލުއީޖީ ޑޮނަރޫމާ ވަނީ މަތަކޮށްފައެވެ. އިޓަލީ ކޮޅަށް މެޗު އެއްވަރުވި ގޯލް ވަނީ 79 ވަނަ މިނެޓުގައެވެ. އެއީ އޭރިއާ ތެރެއިން ރީބައުންސް ބޯޅައެއްގައި ހަރިސް ޓަބަކޮވިޗް ޖެހި ގޯލެކެވެ.

އިޓަލީން ކުޅުންތެރިޔަކު މަދުކޮށްވެސް ބައެއް ހަމަލާތައް އުފެއްދި ނަމަވެސް އިތުރު ވަގުތުގައިވެސް ބޮޑަށް ނުރައްކާކުރީ ބޮސްނިއާއެވެ. އެ ނުރައްކަލުން ޕެނަލްޓީއަށް ގޮސް، އިޓަލީގެ ފްރަންސެސްކޯ ޕިއޯ އެސްޕޮސީޓޯއާއި ބްރަޔަން ކްރިސްޓާންޓޭ އަތުން ޕެނަލްޓީ ނާކާމިޔާބުވިއެވެ. އަދި ބޮސްނިއާއިން ހުރިހާ ޕެނަލްޓީއެއް ކާމިޔާބުކޮށް، ވޯލްޑް ކަޕް ޔަގީންކުރިއެވެ.

ގުޅުންހުރި ލިޔުންތައް