ނިރުބަވެރި އިސްރާއީލުގައި ކެމިކަލް އުފައްދާ ކާރުހާނާއަކަށް އީރާނުން ހަމަލާދީފިއެވެ.
މި ހަމަލާ ދީފައި ވަނީ ބީރްޝެވާގައި އޮންނަ ސިނާއީ މަސައްކަތް ކުރާ ސަރަހައްދުގައި ހުންނަ ކާރުހާނާއަކަށެވެ. އެތަނަށް ސީދާ މިސައިލްގެ ހަމަލާ އަމާޒުވި ކަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
އިސްރައީލުގެ އަޑާމާ އިން ބުނީ އިސްރާއީލުގެ ދެކުނުގައި ހުންނަ އެ ކުންފުނީގެ މަޚްތޭޝިމް ޕްލާންޓަށް ހަމަލާ އަމާޒުވެފައި ވަނީ އީރާނުގެ މިސައިލެއް ނުވަތަ މިސައިލެއްގެ ބައިތަކުން ކަމަށެވެ. އެ ހަމަލާގައި އެތަނުުގައި އަލިފާނުގެ ހާދިސާއެއްވެސް ހިނގާފައި ވެއެވެ.
މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބުނު ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ. ޗައިނާގެ ސިންޖެންޓާ ގްރޫޕްގެ ހިއްސާއެއް އޮންނަ އަޑާމާ އިން ބުނީ އެ ޕްލާންޓަށް ލިބުނު ގެއްލުން އަދި ނޭނގޭ ކަމަށެވެ. އިސްރާއީލުގެ ޗެނަލް 14 ހީބްރން ބުނީ ނެގެވްގައި ހުންނަ އެ ކާރުހާނާގައި ނުރައްކާތެރި ތަކެތި ލީކުވެދާނެ ކަމުގެ ބިރު އެބަ އޮތް ކަމަށެވެ.
ރަމަތު ހޯވާވް އިންޑަސްޓްރިއަލް ޕާކަކީ އިސްރާއީލުގެ ސިނާއީ ޒޯނެއްގެ ބައެކެވެ. އެތަން އޮންނާނީ އިސްރާއީލުގެ ދެކުނުގައި އޮންނަ ނެގެވް ސަރަހައްދުގެ ބެރްޝެބާ ސިޓީ ކައިރީގައެވެ. މިއީ ގިނަ ފެކްޓަރީތަކެއް ހިމެނޭ ބޮޑު އިންޑަސްޓްރިއަލް ކޮމްޕްލެކްސްއެކެވެ. ހާއްސަކޮށް ގިނަ ކެމިކަލް ކާރުހާނާތައް މިތަނުގައި ހުރުމުގެ ސަބަބުން އެ ތަނުގައި، މުހިންމު ކެމިކަލް ކާރުުހާނާތައް ހުންނާނެ ކަަމަށް ބެލެވެއެވެ.
އިޒްރޭލުގެ ބްރޯޑްކާސްޓިން އޮތޯރިޓީން ބުނީ ބެރްޝެބާގައި އެ ހަމަލާއާ ގުޅިގެން އެތަނުގެ ވަށައިގެންވާ ސަރަހައްދު ބަންދުކޮށް، އެތަނުން މީހުން ހުސްކޮށްފައިވާ ކަމަށެވެ. އަދި އެތަނުން ކެމިކަލް ލީކުވި މިންވަރު މިހާރު ވަޒަން ކުރަމުންދާ ކަަމަށްވެސް ބުނެފައި ވެއެވެ.



