- Advertisement -spot_img

ކުރިއަށް އޮތް 24 ގަޑިއިރުވެސް އުތުރަށް ގަދަވަޔާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ސަމާލުވުމަށް އެދިއްޖެ

ކުރިއަށް އޮތް ސައުވީސް ގަޑިއިރުވެސް ރާއްޖޭގެ އުތުރަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭތީއާއި އަދި ރާއްޖޭގެ ބޮޑު ސަރަހައްދެއްގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެތީވެ މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރައްވައިފިއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، އަންނަ އަންގާރަ ދުވަހާ ހަމައަށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވިއްސާރަކުރާނޭކަމަށާއި، ވަކިން ޚާއްސަކޮށް އުތުރުގެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހި ވައިވެސް ގަދަވާނޭކަމަށް ލަފާކުރެވޭކަމަށެވެ. އެގޮތުން ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމަށެވެ.

މޫސުން ގޯސްވާނެކަމަށް ލަފާކޮށް މޫސުމާ ބެހޭ އިދާރާއިންވަނީ ބޮޑު ބަޔަކަށް ރީނދޫ ސަމާލުވެސް ނެރެފައެވެ. އެގޮތުން ހއ.އިން މ. އަތޮޅު ހިމެނޭ ސަރަހައްދަށް ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކޮށް މިސަރައްހައްދަށްވަނީ ރީނދޫ ސަމާލު ނެރެފައެވެ. އަދި އުތުރުގެ އަތޮޅުތަކަށް އިރުއުތުރާއި އިރުން އަދި އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން، ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމަށެވެ. އަދި ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވުން އެކަށީގެންވާކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.

މިވޭތުވެދިޔަ 24 ގަޑިއިރުގައި އެންމެ ބޯކޮށް ވާރޭ ވެހިފައިވަނީ  ކ. ދިއްފުށްޓަށް، އެއީ 296.1 މިލިމީޓަރުގެ ވާރޭއެވެ. އަދި  ހުޅުމާލެ އަށް 185.2 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު ފ. ނިލަންދުއަށް 178.2 މިލިމީޓަރުގެ ވާރޭ ވަނީ ވެހިފައެވެ. އަކދި ހުޅުލެ 177.2 މިލިމީޓަރުގެ ވާރޭ ވަނީ ވެހިފައެވެ.

ރާއްޖެއަށް މިހާރު މި ކުރަމުންދާ ވިއްސާރައަކީ، ސްރީލަންކާގެ ސަރަހައްދުގައި އުފެދިފައިވާ ސަރކިއުލޭޝަންއާއި އޭގެ ޓްރަފްގެ ސަބަބުން ކުރަމުންދާ ވިއްސާރައެއްކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ. އެއިދާރާއިން ވިދާޅުވީ މިސަރކިއުލޭޝަން ރާއްޖޭގެ އުތުރަށް ޖެހެމުންދާތީ އަންނަ އަންގާރަ ދުވަހުން ފެށިގެން މޫސުން ރަނގަޅުވާނެކަމަށް ލަފާކުރެވޭކަމަށެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިންވަނީ ރާއްޖޭގެ ބޮޑު ސަރަހައްދެއްގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެކަމަށް ބެލެވޭތީ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް