މާލެ ސަރަހައްދުގައި އިތުރު 1،500 ޓަނުގެ ގޭސް ސްޓޯރޭޖެއް މިއަހަރުގެ ނިޔަލަށް ތަރައްގީކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ޒަމީރު ވިދާޅުވީ ރާއްޖެ އާއި ބަންގްލަދޭޝް އަދި ސްރީ ލަންކާއަށް ވެސް ގޭސް ސަޕްލައިކުރަނީ އެއް ބައެއް ކަމަށެވެ. އަދި ’ޝިޕް-ޓު-ޝިޕް‘ ޓްރާންސްފާތައް ރާއްޖެ ސަރަހައްދުގައި އާންމުކޮށް ކުރާތީ ގޭހުގެ މާ ބޮޑު ދަތިތަކެއް ނެތް ކަމަށް ވެސް ވިދާޅުވިއެވެ.
އެކަމަކު މިވަގުތު އެސްޓީއޯގައި ހުރި 1،000 ޓަނުގެ ގޭސް ސްޓޯރޭޖު މާ ކުޑަކަމަށް ފާހަގަވާތީ އިތުރު ގޭސް ސްޓޯރޭޖެއް ގާއިމްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
”އެސްޓީއޯއިން އަޅުގަނޑަށް އަންގާފައި އޮތީ މިހާރު ޕްރޮކިއުމަންޓް ލެވެލްގައޭ އޮތީ، އިތުރު 1،500 ޓަނުގެ ސްޓޯރޭޖު މާލެ ސަރަހައްދުގައި ޑިވެލޮޕްކުރަން. މިއަހަރު ނިމެންވާއިރަށް އެ ޕްރޮޖެކްޓު ނިމޭނެކަމަށް އެސްޓީއޯއިން ވިދާޅުވެފައި އޮތީ،“ ޒަމީރު ވިދާޅުވި އެވެ.
އެ ސްޓޯރޭޖްގެ މަސައްކަތް ނިމުމުން ދެ މަހާއި ބައިގެ ސްޓޯރޭޖް ރައްކާކުރެވޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.



