މި ސީޒަނަށް ފަހު ލިވަޕޫލް ދޫކޮށްލަން މިސްރުގެ ކެޕްޓަން، މުހައްމަދު ސަލާހު ނިންމާފައިވާ ކަމަށް އެ ކްލަބުން އިއުލާނުކޮށްފިއެވެ.
މިދިޔަ ސީޒަނުގެ ނިޔަލަށް ލިވަޕޫލްގެ ކޮންޓްރެކްޓްގައި ހުރި، އުމުރުން 33 އަހަރުގެ ސަލާހު ވަނީ ދެ އަހަރަށް އެއްބަސްވުން އާ ކޮށްފަ އެވެ. އެކަމަކު، އެ ކޮންޓްރެކްޓްގެ ފުރަތަމަ އަހަރު ނިމުމުން، މި ސީޒަނަށް ފަހު، ބާކީ އެއް އަަަހަރު އޮއްވައި، ސަލާހު ވަނީ ލިވަޕޫލާ އެކު އެއްބަސްވުމަކަށް އަތުވެ، ޓީމު ދޫކޮށްލަން ނިންމައިފަ އެވެ.
މި ސީޒަނުގައި، ސަލާހާއި ލިވަޕޫލްގެ ކޯޗު އާނާ ސްލޮޓްގެ ދެމެދު މައްސަަލަތަކެއް ޖެހުނުއިރު، ޖެނުއަރީ ޓްރާންސްފާގައި ސަލާހު ލިވަޕޫލް ދޫކޮށްލާނެ ކަމަށްވެސް ބެލެވުނެވެ. ނަމަވެސް ފަހުން ސަލާހު ވަނީ އެ ކްލަބުގައި މަޑުކުރުމަށް ނިންމައިފިއެވެ.
ކުރިން ޗެލްސީއަށް ވެސް ކުޅުނު ސަލާހު ލިވަޕޫލްއާ ގުޅުނީ 2017 ވަނަ އަހަރު އެވެ. އޭނާ ވަނީ ލިވަޕޫލާއެކު ދެ ފަހަރު ޕްރިމިއާ ލީގާއި އެއް ފަހަރު ޗެމްޕިއަންސް ލީގާއި ކްލަބް ވޯލްޑް ކަޕާއި ޔުއެފާ ސުޕަ ކަޕާއި އެފްއޭ ކަޕްގެ އިތުރުން ދެ ފަހަރު ލީގު ކަޕްގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. ސަލާހަކީ ޕީއެފްއޭ އިން ހޮވާ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ތިން ފަހަރެއްގެ މަތިން ހޯދި ހަމައެކަނި ކުޅުންތެރިޔާއެވެ.
ސަލާހު ވަނީ ލިވަޕޫލަށް ކުޅެދިން 435 މެޗުން 255 ގޯލު ޖަހައިފައެވެ.



