- Advertisement -spot_img

ވިއްސާރައާ ގުޅިގެން މިއަދަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސައިފި

ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން މިއަދަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަމަޖައްސައިފިއެވެ.

މިކަން އިއުލާން ކުރައްވައި ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ މެދުނުކެނޑި ބޯކޮށް ވާރޭވެހި އަދި ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެ، އެކަމުގެ ސަބަބުން ވަރަށް ގިނަ ރައްޔިތުންނަށް ދަތިވެ، ތަކުލީފުތަކެއް ލިބިފައިވާތީ މިއަދަކީ ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާ ކަމަށެވެ.

މާލޭގެ 5 ސަރަހައްދެއްގައި ޕަންޕް ޖަހައިގެން ފެން ހިންދުމުގެ މަސައްކަތް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އިން ދަނީ ކުރަމުންނެވެ.

އެމްއެންޑީއެފް އިން ބުނީ މާލޭގެ އެކި ސަރަހައްދުތަކުގައި ޖުމްލަ 13 ޕަންޕް ޖައްސައިގެން ފެން ހިއްކުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މިގޮތުން ރޭގެ 11 ޖެހުމާ ހަމަޔަށް 2،165 ޓަނުގެ ފެން ހިއްކިފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމްކޮށްފައިވާ ސިފައިންގެ އޭރިއާ ކޮމާންޑުތައް ވަނީ ތައްޔާރީ ހާލަތަށް ގެނެސްފައެވެ. މި އޮޕަރޭޝަންގެ މަސައްކަތް ބައްލަވާލެއްވުމަށް ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ ވަނީ މާލެ ސިޓީގެ ބައެއް ސަރަހައްދުތަކަށް ޒިޔާރަތްކުރައްވައިފައެވެ.

ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހިމް ހިލްމީ ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ވިއްސާރައާ ގުޅިގެން ދުރާލާ ތައްޔާރުވެ، ފެން ހިންދުމުގެ މަސައްކަތްތައް ފަށާފައިވާ ކަމަށެވެ. އަދި މާލޭގެ އިތުރުން މާލެ އަތޮޅުގެ ތިން ރަށެއްގައި އެމްއެންޑީއެފްއިން ދަނީ ހަރަކާތްތެރިވަމުންނެވެ. އެގޮތުން ކ. ހުރާ، ކ. ހިއްމަފުށި އަދި ގުރައިދޫގައި ހަރަކާތްތެރިވަމުންދާއިރު، ތުލުސްދޫއަށް ވެސް އެހީވުމަށް މިހާރު އެމްއެމްއެންޑީއެފް ޓީމުތައް ދަތުރުކުރަމުންދާ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވިއެވެ.

މީގެއިތުރުން ޗީފް ވިދާޅުވީ ސިފައިން ތިބީ އަތޮޅު ތެރޭގައި ވެސް ކަމެއް ދިމާވާ ހާލަތެއްގައި އިޖާބަ ދިނުމަށް ތައްޔާރަށް ކަމަށެވެ. އެގޮތުން އޭރިއާ ކޮމާންޑްތައް އެކްޓިވޭޓްކުރެވިފައިވާކަން ހިލްމީގެ ވާހަކާގައި ފާހަގަކުރެއްވިއެވެ.

ގުޅުންހުރި ލިޔުންތައް