ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދާއެއްގޮތަށް ގދ. ތިނަދޫގައި އަޅަން ނިންމާފައިވާ 50 ފްލެޓާއި މަގު ހެދުމުގެ މަޝްރޫއުގެ ތިންވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.
އެ މަސައްކަތްތައް ފެށުމަށް ތިނަދޫ ސިޓީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މަސައްކަތްތައް ފައްޓަވައިދެއްވީ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ.
މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ތިނަދޫގެ 50 މަގު ނުވަތަ 19.3 ކިލޯމީޓަރުގެ ސަރަހައްދެއްގައި ތާރު އަޅައި ފެންހިންދާ ނިޒާމު ގާއިމްކުރަން ނިންމާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ. އެ މަސައްކަތް ހަވާލުކުރީ ތިން އަހަރާއި ނުވަ މަސްދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
ތިނަދޫގައި 50 ފްލެޓް އަޅަން ސްވިފްޓް އިންޖީނިއަރިން ޕްރައިވެޓް ލިމިޑެޓާ ހަވާލުކޮށްފައި ވަނީ ކޮންޓެކްޓާ ފައިނޭންސިންގެ އުސޫލުންނެވެ. އެއީ ތިން ކޮޓަރީގެ ފްލެޓްތަކެކެވެ. އެއް އަހަރާއި ދެ މަސް ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިންމަންޖެހެއެވެ.
މިނިސްޓްރީން ބުނީ މީގެކުރިން ތިނަދޫގައި އިމާރާތްކުރި 200 ހައުސިން ޔުނިޓަށް ކުރިމަތިލާން ދިން މުއްދަތު ހަމަވި އިރު، 1،022 ފޯމު ލިބިފައިވާ ކަމަށެވެ.
އެ ފޯމުތައް އިވެލުއޭޓްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެކަން ނިމުމުން ފްލެޓް ލިބޭ މީހުންގެ ލިސްޓް ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރެވޭނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.



