މެދުއިރުމަތީގައި މިހާރު ކުރިއަށްދާ ހަނގުރާމައާއި ގުޅިގެން، އުމްރާއަށް މިވަތު ގޮސް ތިބި އެއްވެސް ދިވެއްސަކަށް ނުރައްކަލެއް ނެތް ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
އިރާނާއި އިޒްރޭލާއި އެމެރިކާއިން ކުރަމުންދާ ހަނގުރާމައާ ގުޅިގެން އެކުލަވައިލެއްވި ވަޒީރުންގެ ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތުދެއްވަމުން ޝަހީމް ވިދާޅުވީ އުމްރާއަށް މިވަގުތު ގޮސް ތިބި ހުރިހާ އުމްރާވެރިންގެ ހާލުވެސް ރަނގަޅު ކަމަށެވެ. އަދި މެދު އިރުމަތީގައި މިވަގުތު ކަންތައްތައް ހުރިގޮތުން ބައެއް އެއާލައިންތައް ކެންސަލްވުމާ ގުޅިގެން ރާއްޖެ އައުމުގައި ދަތިވެފައިވާ ފަރާތްތަކަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަން މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް ޝަހީމް ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ އުމްރާވެރިންގެ ފްލައިޓުތައް ކެންސަލްވުމުން ރާއްޖޭގެ އުމްރާ ކުންފުނިތަކުންވެސް އެ ފަރާތްތަކާމެދު ވަރަށް ރަނގަޅަށް ކަންތައްތައް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މޯލްޑިވިއަން އިން ޖާގަ ނުލިބުނު ފަރާތްތަކަށް ޕްރައިވެޓް އުމްރާ ކުންފުނިތަކުން އަމިއްލަގޮތުން ރާއްޖެ ގެނައުމަށްޓަކައިވެސް އެ ކުންފުނިތަކުން މަސައްކަތް ކުރަމުން އަންނަކަން ފާހަގަކުރައްވާ ޝަހީމް ވަނީ އެ ކުންފުނިތަކަށް ޝުކުރު އަދާކުރައްވާފައެވެ.
މި ހަނގުރާމައާއި ގުޅިގެން ރާއްޖެއަށް އެކި ގޮތްގޮތުން ކުރާނެ އަސަރުތައް ކުޑަކުރުމަށާއި އެކަމުގެ ސަބަބުން ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް މަސައްކަތް ކުރުމަށް ވަޒީރުންގެ ހާއްސަ ކޮމިޓީއެއް އުފެއްދެވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.



