- Advertisement -spot_img

ބީއެމްއެލްގެ ހައުސިން މަޝްރޫއަކީ ރައީސްގެ ދުރުވިސްނުންފުޅާއެކު ހޯއްދެވި ހައްލެއް: މުއްތަލިބު

ބީއެމްއެލްގެ އެހީއާއެކު ފަށާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއަކީ، ރާއްޖޭގެ މާލީ އިދާރާތައް މެދުވެރިކޮށް ބޯހިޔާވަހިކަމުގެ މަޝްރުއުތައް ކުރިއަށް ގެންދެވޭ ގޮތަށް ރައީސުލްޖުމްހޫރިއްޔާގެ ދުރުވިސްނުންފުޅާއެކު ހޯއްދެވި ހައްލުގެ ނަތީޖާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.

އެމްއެމްއޭގެ އުސޫލަށް ބަދަލު ގެނެސް، ރާއްޖޭގެ މާލީ އިދާރާތަކުން ވަކި އިންސައްތައެއް ބޯހިޔާވަހިކަމުގެ މަޝްރުޢޫތަކަށް ހޭދަކުރަން ޖެހޭގޮތަށް އުސޫލަށް އިސްލާހުތަކެއް ވަނީ ގެނެސްފައެވެ.

މިނިސްޓަރު މުއްތަލިބު ވިދާޅުވީ، ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަކީ ދަތި ހާލަތުގައި ދިރިއުޅޭ، ބޯހިޔާވަހިކަމަށް ބޭނުންޖެހިފައިވާ މީހުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ބައްޓަން ކުރާ މަޝްރޫޢުއެއް ކަމަށެވެ.

ސަރުކާރު ޙަވާލުވިއިރު ރާއްޖެ އޮތް މާލީ ޙާލަތުގެ ސަބަބުން، ބޭރުގެ ބޭންކުތަކުން މާލީ އެހީތެރިކަން ހޯދުމުގައި އެތައް ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށް ވިޔަސް ރައީސްގެ ދުރު ވިސްނުންފުޅާއެކު މަސައްކަތް ކުރެއްވީ، ރާއްޖޭގެ މާލީ އިދާރާތައް މެދުވެރިކޮށް އެކަމަށް ޙައްލެއް ހޯދޭނެ ގޮތްތަކެއް ހޯދުމަށް ކަމަށް މުއްތަލިބު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މިއަދު މި ފެށިގެންދާ މަސައްކަތްތަކަކީ، ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ރައީސް ގެންގުޅުއްވާ ތަޞައްވުރުގެ މަސައްކަތްތައް, ނުހުއްޓި ކުރިއަށް ގެންދޭވެ ގޮތަށް އެޅުއްވި ފިޔަވަޅުތަކުގެ ނަތީޖާ ކަމަށެވެ.

”ބީއެމްއެލްއަކީ ސަރުކާރުގެ މަސައްކަތުގައި އެންމެ ބޮޑު އެހީތެރިކަމެއް ލިބޭ އެއް ބައިވެރިޔާ. މިއީ، ދަޢުލަތުގެ މުވައްސަސާތަކުގެ އެއްބާރުލުމާއެކު ގުޅިގެން ހޯދިފައިވާ އިޖާދީ ޙައްލުތަކެއް. ރައީސްގެ ވިސްނުންފުޅުގެ ނަތީޖާ. މި ޔުނިޓުތައް ދޫކުރާނީ، ސަރުކާރުގެ އާއިލީ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން.“ މިނިސްޓަރު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް