- Advertisement -spot_img

ރައްޔިތުންގެ ހިތަށް ތަސައްލީ ލިބިދިނުމުގައި މި ސަރުކާރުން އަބަދުވެސް އިސް ނަންގަވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

ކޮންމެ ރޯދަ މަހަކުވެސް އޯގާތެރިކަމާއި ކުލުނާއި ދީލަތިކަމުގެ ނަމޫނާ ދައްކައި، ރައްޔިތުންގެ ހިތަށް ތަސައްލީ ލިބިދިނުމުގައި މި ސަރުކާރުން އަބަދުވެސް އިސް ނަންގަވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ބަރަކާތުން ފުރިގެންވާ މި ރަމަޟާންމަސް ފެށުމުގެ މުނާސަބަތުގައި ދވެހި ރައްޔިތުންނަށް ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރައްވައި ފޮނުއްވި ޚިޠާބުގައި އެމަނިކުފާނު ވިދާޅުވީ އަޅުގަނޑުމެންގެ އުޅުމާއި ގުޅުންތަކަށް އަންނަ ހެޔޮ ބަދަލު މުޅި ޙަޔާތުގައިވެސް ދެމެހެއްޓުމަށް ޢަޒުމު ކަނޑައަޅުމަށެވެ. އަދި ދިވެހި ކޮންމެ ކުޑަ ކުއްޖަކާއި ޒުވާނަކަށް ރީތި ނަމޫނާ ދައްކައި، ހަރުދަނާ ސިފަތައް އުނގަންނައިދޭ މަހެއްކަމުގައި މި މަސް ހެދުމަށްވެސް އެމަނިކުފާނުގެ ޚިޠާބުގައި ވަނީ އެދިލައްވާފައެވެ.

އަޅުގަނޑުމެންނާ މި ބައްދަލުކުރި ރަމަޟާން މަހަކީ ކީރިތި ޤުރުއާން އެ މަހެއްގައި ބާވައިލެއްވި، އަދި ލައިލަތުލްޤަދްރީގެ މަތިވެރި ދަރުމަ އެމަހެއްގައި ހިމެނިފައިވާ މަސްކަން ފާހަގަކުރަމުން، މިއީ ނިޢުމަތާއި ރަޙްމަތުން ފުރިގެންވާ މޫސުމެއްކަން ވަނީ ހަނދާންކޮށްދެއްވާފައެވެ. އަދި ރަމަޟާންމަހު ހިފާ ރޯދަ އާއި، އަޅުކަމަށް ދޭ ސަމާލުކަމާއި، އަނެކުންނަށް ދޭ މަދަދާއި ކެތްތެރިކަމާއި އިޙްސާންތެރިކަމުގައި ދެމިތިބުމަކީ ޖިސްމަށާއި ރޫޙަށް ލިބިދޭ އަގުހުރި ތަރުބިއްޔަތެއްގެ ގޮތުގައި ރައީސް ވަނީ ސިފަކުރައްވާފައެވެ.

މީގެ އިތުރުން ދުންފަތުގެ އިސްތިޢުމާލުކުރުން ފަދަ އަމިއްލަ ނަފުސަށް ގެއްލުންހުރި، ނުކިއްސަރު އާދަތަކާ ދުރުހެލިވުމުގެ ފުރަތަމަ ފިޔަވަޅު މި މަހު އެޅުމަށް އެމަނިކުފާނު ވަނީ ބާރުއަޅުއްވާފައެވެ. އަދި ހަމަ މިގޮތަށް ދޮގާއި ފިތުނަ ފަތުރަން މަސައްކަތްކުރާ ކޮންމެ ބަޔަކާ ދުރުހެލިވެ، ޚުލްޤު ހެޔޮ އިންސާނެއްގެ ގޮތުގައި ކާމިޔާބު ޙަޔާތެއް އުޅުމުގެ ޢަޒުމު ކަނޑައެޅުމަށް އެންމެހާ ދިވެހިންގެ ކިބައިން އެމަނިކުފާނު އެދިލެއްވިއެވެ.

މީގެއިތުރުން، ދިވެހީންގެ ސިލްމާ ސަލާމަތާ ކާމިޔާބު ގުޅިފައިވަނީ މާތްވެގެންވާ އިސްލާމް ދީނާކަން ފާހަގަކުރަމުން މި ފަދަ ކޮންމެ ރޯދަ މަހެއްގައިވެސް އަޅުގަނޑުމެން އެކަން ޔަގީން ކުރަންވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މާތް ﷲ ދިވެހީންނަށް ދެއްވާފައިވާ ނިޢުމަތްތަކާއި، އަމާންކަމާއި، ރަޙްމަތުގެ ބޮޑުކަމާއި، ގަދަކީރިތިވަންތަ ﷲގެ އޯގާވަންތަކަން ހަނދުމަކޮށް ޝުކުރު ކުރާ ޙާލު، މުޅި އިސްލާމީ އުންމަތާއި، ޚާއްޞަކޮށް ނުތަނަވަސްކަމާއި ދަތި ޙާލުގައި ތިބި ކޮންމެ މުސްލިމެއްގެ މައްޗަށް ހެޔޮ ދުޢާކޮށްދީ ހެޔޮ ފޯރުވައިދޭން އެމަނިކުފާނުގެ ޚިޠާބުގައި އިރުޝާދުދެއްވާފައިވެއެވެ. އެގޮތުން، ފަލަޞްޠީނުގެ އަހުލުވެރީންނާއި، ހަނގުރާމައާއި އަނިޔާވެރިކަމާއި ހައިހޫނުކަން ބަރުދާސްކުރަމުންދާ މިނޫންވެސް މުސްލިމު މުޖްތަމަޢުތަކާއި ޢާއިލާތަކަށް ކުޅަދާނަވީ މިންވަރަކުން އެހީތެރިކަން ފޯރުކޮށްދޭން ވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ހިތާބުގައި އިތުރަށް އެމަނިކުފާނު ވިދާޅުވީ ދިވެހި ރައްޔިތުންނަށް ހިޔާވަހިކަން ކަށަވަރުކޮށްދީ، ދިރިއުޅުމުގެ މުހުތާދުތައް ފުއްދައިދީ، އުފާފާގަތިކަން އިތުރު ކޮށްދިނުމަށް އެމަނިކުފާނުގެ ސަރުކާރުން ފައްޓަވާފައިވާ އިޚްލާޞްތެރި މަސައްކަތް އިރާދަކުރެއްވިއްޔާ ދުވަހަކަށްވުރެ ދުވަހެއް ހަލުވި ކުރައްވާނޭކަމަށެވެ.

އެމަނިކުފާނުގެ ޚިޠާބު ނިންމާލަމުން ވިދާޅުވެފައިވަނީ ރަމަޟާން މަހުގެ ފާގަތިކަމާއި ބާއްޖަވެރިކަން ދިވެހި ޤައުމަށް އަބަދުމެ ތަކުރާރުކޮށްދެއްވުމަށާއި، މި ލޮބުވެތި ވަޠަން އިސްލާމް ދީނުގެ ހިދާޔަތުގައި އަބަދުމެ ލެހެއްޓެވުމަށާއި، ދިވެހި ރައްޔިތުންނަކީ ހެޔޮލަފާ ބައެއްގެ ގޮތުގައި އަބަދުމެ ލައްވައި، ވިޔަވަތި ދިރިއުޅުމެއް މިންވަރުކުރެއްވުމަށް އެދިވަޑައިގެން ދުޢާ ދަންނަވަމުންނެވެ.

ގުޅުންހުރި ލިޔުންތައް