އެފްރިކާގެ އެންމެ ޝަރަފުވެރި ފުޓުބޯޅަ މުބާރާތް، އެފްރިކާ ކަޕް އޮފް ނޭޝަންސް (އެފްކޯން)ގެ ފައިނަލުގެ ތެރެއިން ސެނެގާލް ދަނޑުން ފޭބި މައްސަލަ ބަލައި، މޮރޮކޯއަށް ޗެމްޕިއަންކަން ދޭން ކޮންފެޑެރޭޝަން އޮފް އެފްރިކަން ފުޓްބޯލް (ކާފް) އިން ނިންމައިފިއެވެ.
މޮރޮކޯއާއި ސެނެގާލް ވާދަކުރި މިއަހަރު އެފްކޯންގެ ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ނިމުނު އިރު، މެޗު އެއްވަރުވެފައި އޮތީ 0-0 ގެ ނަތީޖާއަކުންނެވެ. ސެނެގާލުން މެޗުގައި ހަމައެކަނި ގޯލް އިތުރު ވަގުތުގައި ޖަހާފައިވާ އިރު، އެޓީމު މެޗުން މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދަނިކޮށް، ވީއޭއާރްގެވެސް އެހީގައި ރެފްރީ ދިން ޕެނަލްޓީއެއްގައި ބޮޑު ހައިޖާނު ގަނޑަކަށް ގޮސްފައިވެއެވެ. ކޮންގޯގެ ރެފްރީ ޖީން ޖަގޭސް އެންޑާލާ މޮރޮކޯއަށް ޕެނަލްޓީއެއް ދިނުމާއެކު އެކަމާ ހިތްހަމަ ނުޖެހިގެން ސެނެގާލް ކޯޗު ޕަޕޭ ޗާއޯ ވަނީ ކުޅުންތެރިން ދަނޑުން ބާލުވައިފައެވެ.
ސެނެގާލް ކޯޗު އެ ހިސާބުން މެޗު ނުކުޅެން ނިންމައި، ޑްރެސިން ރޫމަށް ޓީމު ގެންދިޔުމުން، 15 ވަރަކަށް މިނެޓަށް މެޗު މެދުކަނޑާލަން ޖެހުނެވެ. އެ ހާލަތަށް ދިޔަތަނުން ސެނެގާލް އަލުން ކުޅެން ނެރުނީ ކެޕްޓަން ސަޑިއޯ މާނޭއެވެ. އޭނާ ވަނީ އެކަން ނޫސްވެރިންނަށްވެސް ޔަގީން ކޮށްދީފައެވެ.
ސެނެގާލްގެ ކޯޗު ފަހުން އެކަމަށް މައާފަށް އެދި، ރެފްރީގެ ގޯސް ގަބޫލުކުރި ކަމަށްވެސް ބުނެފައިވެއެވެ.
އެ މައްސަލައިގައި ކުރިން ކާފްއިން ވަނީ ސެނެގާލް ކޯޗު ޗާއޯ ސަސްޕެންޑް ކޮށް ޖޫރިމަނާ ކޮށްފައެވެ. އޭގެ އިތުރުން ކުޅުންތެރިންނަށްވެސް ފިޔަވަޅު އަޅަން ކާފްއިން ނިންމާފައިވާ އިރު، އެ މައްސަލައިގައި ނަތީޖާ އަނެއްކޮޅަށް އަނބުރާލަން ނިންމީ ކާފްގެ އެޕީލް ބޯޑުންނެވެ.
އެޕީލް ބޯޑުން ނިންމާފައި ވަނީ ސެނެގާލް މެޗު ދޫކޮށްލި ކަމަށެވެ. އެހެންކަމުން އެމެޗުގެ ނަތީޖާއަކީ މޮރޮކޯ 3-0 އިން މޮޅުވުން ކަމަށް ނިންމާފައިވެއެވެ. ކާފްގެ އެޕީލް ބޯޑުން ބުނީ ނިންމުން ނިންމާފައި ވަނީ މުބާރާތުގެ ގަވާއިދުގެ ގިނަ މާއްދާތަކަކަށް ރިއާޔަތް ކޮށްފައި ކަމަށެވެ.
އެ ނިންމުމާ ގުޅިގެން ސެނެގާލްގެ ފުޓުބޯޅަ އިދާރާއިން އަދި ވަކި އެއްޗެއް ނިންމާފައެއް ނުވެއެވެ.



