- Advertisement -spot_img

އަދާލަތު ޕާޓީން ވެސް ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ތާއީދުކޮށްފި

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް އަދާލަތު ޕާޓީން ވެސް ތާއީދުކޮށްފިއެވެ.

އަދާލަތު ޕާޓީން މިގޮތަށް ނިންމާފައިވަނީ، ރިޔާސީ އިންތިޚާބާއި، މަޖިލިސް އިންތިޚާބު އެކުގައި ބޭއްވުމަށާއި، މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ކަނޑައެޅުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ “ޤާނޫނުއަސާސީއަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު” ތަޞްދީޤުކުރެއްވުމާ މެދު ރައްޔިތުންގެ ލަފާ ހޯދުމަށް ބާއްވާ ވޯޓާ ގުޅިގެންނެވެ.

މިކަމާ ގުޅޭގޮތުން އެ ޕާޓީން ބުނީ، 4 އެޕްރީލް 2026 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓުގައި، ޤައުމާއި ރައްޔިތުންގެ މަތީ މަޞްލަޙަތަށް ރިޢާޔަތްކޮށް “ފެންނަކަމަށް” ވޯޓު ދިނުމަށް އެ ޕާޓީގެ މަޝްވަރާ މަޖިލީހުން މިހާރު ފާސްކޮށްފައިވާ ކަމަށެވެ. މި ނިންމުން ނިންމާފައިވަނީ މަޝްވަރާ މަޖިލީހުގެ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

އަދާލަތު ޕާޓީން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ގާތްގާތުގައި އިންތިޚާބުތައް ބޭއްވުމުގެ ސަބަބުން ދައުލަތުގެ ބަޖެޓުން ކުރަންޖެހޭ ހޭދަ ބޮޑުވުމާއި، އިދާރީ ގޮތުން ކުރިމަތިވާ ގޮންޖެހުންތަކަށް ލުޔެއް ހޯދުމުގެ މަޤްޞަދުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިސްނަގައިގެން ޤާނޫނުއަސާސީއަށް ގެންނަން ހުށަހެޅި މި އިޞްލާޙަކީ ރާއްޖޭގެ އިންތިޚާބީ ނިޒާމަށް އަންނާނެ މުހިންމު ބަދަލެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ.

ގުޅުންހުރި ލިޔުންތައް