ބުރާސްފަތި, މާރޗް 13, 2025
spot_img
- Advertisement -spot_img

ފްލެޓް ލިސްޓު އެކުލަވާލެވިފައި އެވަނީ ޒައްރެއްގެ މިންވަރެއްގެ ނުފޫޒެއްވެސް ނެތިކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

ސަރުކާރުން ފޯރުކޮށްދޭ 4000 ފްލެޓް ލިބޭ ފަރާތްތަށް ކަނޑައެޅުމަށް އިޢުލާންކުރެއްވި ފްލެޓް ލިސްޓު އެކުލަވާލެއްވުމުގައި ޒައްރެއްގެ މިންވަރެއްގެ ނުފޫޒެއްވެސް ފޯރުވާފައި ނޯންނާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޢިއްޒުއްދީން ފާލަން ތަރއްޤީކޮށް އަލުން ހުޅުވުމުގެ ގޮތުން ރޭގައި ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކވަމުންނެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ސަރުކާރުން އިޢުލާންކުރެއްވި ލިސްޓު ޢާންމުކުރައްވާފައި އެވަނީ، މިދިޔަ ސަރުކާރުން އިޢުލާންކުރެއްވި ލިސްޓުގައި ހުރި މައްސަލަތައް އޭ.ސީ.ސީއިން ބަލައި، އެ ސަރުކާރުން އިޢުލާންކުރެއްވި ޝަރުޠުތަކަށް ޕޮއިންޓްދޭން ކަނޑައަޅާފައިވާ އުޞޫލަށް ބައްލަވައިގެންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެ ލިސްޓުން ބަޔަކު އުނިވެފައިވާނަމަ، އެ އުނިވީ ސަބަބުތައްވެސް އެނގޭނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ހަމަ ޔަޤީނުންވެސް ގަސްދުގައި އެއްވެސް މީހަކު ލިސްޓުން އުނިކުރައްވާފައި ނުވާނޭ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ. އަދި މި ސަރުކާރަކީ، ރައްޔިތުންނަށް ކަންކަން ފުރިހަމަކޮށްދިނުމުގައި އިންތިހާއަށް ޝައުގުވެރިކަންހުރެ، ހަމަހަމަކަމާއި ލޯތްބާއި ޢަދުލުވެރިކަމާއެކު ޚިދުމަތްކުރަން އައި ސަރުކާރެއް ކަމުގައިވެސް އެމަނިކުފާނު ހާވަކަފުޅިގައި ވަނީ ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، މިއީ އެމަނިކުފާނަށް ގެދޮރުވެރިކަމުގެ މަޢުލޫމާތުތައް އެނގިވަޑައިގަންނަވަން ފެއްޓެވީއްސުރެ، ނުފޫޒެއް ނުފޯރުވާ، ގެދޮރު ލިބޭނޭ މީހުންގެ ލިސްޓެއް ނެރުއްވި ފުރަތަމަ ފަހަރުކަމަށެވެ. އަދި އެކި ސަބަބުތަކާހުރެ ލިސްޓަށް ނޭރި ރައްޔިތުން، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ކަނޑައެޅިފައިވާ އުޞޫލުން ޝަކުވާ ހުށަހެޅުއްވުމަށް އެމަނިކުފާނު ވަނީ އިލްތިމާސްކުރެއްވާފައެވެ.

ޝަކުވާގެ މުއްދަތު ހަމަވެ، މައްސަލަތައް ބަލައި، ޙައްޤުވެރީންނަށް ފްލެޓް އެކަށައެޅުމަށްފަހު، ބާކީ ފްލެޓް ހުރިނަމަ، މި ފްލެޓަށް ކުރިމަތިލީ މީހުންގެ ތެރެއިން މިންގަނޑުތަކަށް ބެލުމަށްފަހު، ޕޮއިންޓް ލިބޭ ތަރުތީބުން ފްލެޓް ހަމަޖެހިގެންދާނޭކަމަށްވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

އަދި އެމަނިކުފާނުގެ ރިޔާސީ ވައުދުފުޅާއި އެއްގޮތަށް މި ލިސްޓުގައި ނުހިމެނުނު ނަމަވެސް، މާލޭ ސަރަޙައްދުގައި ހިންގާ ގެދޮރުވެރިކަމުގެ ބިޔަ މަޝްރޫޢުތަކުގެ ތެރެއިން މާލޭގެ ރައްޔިތުންނާއި މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން 18 އަހަރު ފުރިފައިވާ ކޮންމެ ރައްޔިތަކަށް ގެދޮރުވެރިކަމުގެ ފުރުޞަތު ފަހިވެގެންދާނޭކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.

ގުޅުންހުރި ލިޔުންތައް