އެމެރިކާއާއި އިސްރާއީލުން ގުޅިގެން އީރާނަށް ދިން ހަމަލާތަކުގައި 202 ކުޑަ ކުދިން މަރުވި ކަމަށް އީރާނުގެ ހެލްތް މިނިސްޓްރީން ބުނެފިއެވެ.
އެ ގައުމުގެ ހެލްތް މިނިސްޓްރީން ބުނީ މި ހަމަލާތަކުގައި މަދުވެގެން 202 ކުޑަކުދިން މަރުވެފައިވާއިރު، 223 އަންހެނުން މަރުވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި މާބަނޑު ތިން މައިން ހިމެނޭ ކަމަށް އެ މިނިސްޓްރީގެ ރިޕޯޓުތަކުގައިވެއެވެ.
ފާރސް ނޫސް އެޖެންސީން މިކަމާ ގުޅިގެން ނެރުނު ބަޔާނުގައި ބުނެފައިވަނީ މަރާލާފައިވާ ކުދިންގެ ތެރެއިން 12 ކުދިންނަކީ ފަސް އަހަރުން ދަށުގެ ކުދިން ކަމަށެވެ.
މި ހަމަލާ ފެށުނު ފަހުން އީރާނުން މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 1000 އަށް ވުރެ މައްޗަށް އަރާފައެވެ.
އެމެރިކާއާއި އިސްރާއީލުން އީރާނަށް ދޭ ހަމަލާތައް އަމާޒު ކުރަނީ މީހުން ދިރިއުޅޭ ތަންތަނަށެވެ. އެގޮތުން އެންމެ ގިނައިން ހަމަލާތައް އަމާޒުވެފައިވަނީ މީހުން ދިރިއުޅޭ އިމާރާތްތަކަށާއި ވިޔަފާރީ ކުރާ ތަންތަނަށެވެ.
މި ހަނގުރާމައިގައި އީރާނުން މަރުވި މީހުންގެ ތެރޭގައި އީރާނުގެ ދެކުނުގެ މިނާބްގައި ހުންނަ އަންހެން ކުދިންގެ ސްކޫލަކަށް އެމެރިކާ އާއި އިސްރާއީލުން ދިން ހަމަލާއެއްގައި މަރުވި މީހުން ހިމެނެއެވެ. އެ ސްކޫލުން އެކަނިވެސް 165 މީހުން މަރުވިއެވެ.
އީރާނުން ނިއުކްލިއާ ހަތިޔާރު ހޯދަން އުޅޭ ކަމުގެ ތުހުމަތުގައި އެމެރިކާއާއި އިސްރާއީލުން ގުޅިގެން އީރާނަށް ހަމަލާދޭން ފެށީ މިދިޔަ ފެބްރުއަރީ މަހުގެ 28ވަނަ ދުވަހެވެ. މި ހަމަލާތަކުގެ ސަބަބުން މެދުއިރުމަތީގެ ގިނަ ގައުމުތަކަށް ވަނީ އަސަރުކޮށްފައެވެ.
މި ހަމަލާތަކުގެ ބަދަލު ހިފުމަށް އީރާނުން ވަނީ އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުންނަ މެދުއިރުމަތީގެ ގައުމުތަކަށް ހަމަލާދީފައެވެ. މިއާއެކު، އެ ސަރަހައްދުގައި ހިނގަމުންދާ ހަނގުރާމަ ދުނިޔޭގެ އެހެން ގައުމުތަކާ ހަމަޔަށް ފުޅާވެދާނެ ކަމުގެ ބިރު މިހާރު ވަނީ އިންތިހާއަށް ބޮޑުވެފައެވެ.



