ގދ. ފިޔޯރީގައި ގާއިމުކުރާ ދަޅުގައި މަސް ބަންދުކުރާ ކާރުޚާނާގެ މަސައްކަތް ނިންމާ އަންނަ އަހަރުގެ މަސްވެރިންގެ ދުވަހަށް އެތަން އޮޕަރޭޝަނަށް ގެނައުމަކީ އަމާޒެއް ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފިއެވެ.
ޕީއެސްއެމްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މުއްޠަލިބް ވިދާޅުވީ، ފިޔޯރީގެ މަސް ބަންދުކުރާ ކާރުޚާނާ ތަރައްޤީ ކުރުމަށްޓަކައި ބިން ހިއްކުމާއި ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް ހަ މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ. އަދި އެ ކާރުޚާނާ ތަރައްޤީ ކުރުމަށް ޗައިނާގެ ކުންފުންޏަކާއެކު އެއްބަސްވުމެއް އެކުލަވާލާފައިވާކަމަށް ވިދާޅުވިއެވެ.
”މަސްވެރިކަމުގެ އެއް ޕްރޮޖެކްޓް މިއީ. އެކަމަށް އިސްކަމެއް މި ދެނީ ކަޅުބިލަ މަހުގެ މަސްވެރިކަމުގެ އާބާދީއެއް އޮތީ އެ ސަރަޙައްދުގައި. %60 މަސް މި ބާނަނީ ދެކުނުގެ ސަރަޙައްދުތަކުން. އެ ސަރަހައްދުގެ މަސްވެރިންނަށް ހައްލެއް ހޯދައިދިނުމަށް ކުރިއަށްގެންދާ މަޝްރޫއުއެއް މިއީ.“ މުހައްމަދު މުއްތަލިބު ވިދާޅުވިއެވެ.
ފިޔޯރީގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ ދަޅުގައި މަސް ބަންދުކުރާ ކާރުޚާނާ ތަރައްޤީ ކުރުމަށްޓަކައި 6.5 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތް ޙަވާލުކޮށްފައިވަނީ، ސޭން ޕްރައިވެޓު ލިމިޓެޑާއެވެ. މި މަޝްރޫޢުގެ ދަށުން ކުރިން 1500 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ޤާއިމްކުރުމަށް ނިންމާފައި އޮތްނަމަވެސް މިހާރު އެރަށުގައި ޤާއިމްކުރަނީ 3000 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެކެވެ. މީގެ އިތުރުން މި މަޝްރޫޢުގެ ދަށުން ދުވާލަކު 100 ޓަނުގެ ދަޅުގައި މަސް ބަންދު ކުރެވޭ ކާރުޚާނާއަކާއި، ދުވާލަކު 100 ޓަނުގެ މަސްކުނޑި އުފެއްދޭނެ ފިޝްމީލް ޕްލާންޓެއްވެސް ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫޢާއެކު ފިޔޯރީގެ އިތުރުން މުޅި ހުވަދުއަތޮޅުގެ މަސްވެރި އާޢިލާތަކަށް އުޖާލާ މުސްތަޤުބަލެއް ލިބުމާއެކު އިޤްތިޞާދީ ފުދުންތެރިކަމާއި ސަރަޙައްދީ ތަރައްޤީއަށް މަގުފަހިކޮށްދޭނެއެވެ.



