ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓްގައި އޮބްޒާވަރުންގެ ގޮތުގައި ކުރިމަތިލުމަށް ދިން މުއްދަތު އިލެކްޝަންސް ކޮމިޝަނުން އިތުރުކޮށްފިއެވެ.
އީސީން ކުރި އިއުލާނެއްގައި ބުނީ މިގޮތަށް ނިންމީ އިންތިހާބުގައި އޮބްޒާވަރުންގެ ގޮތުގައި ކުރިމަތިލުމަށް އިތުރު މުއްދަތެއް ދިނުމަށް ސިޔާސީ ޕާޓީތަކުން ކޮމިޝަނަށް ހުށަހަޅާފައި ވާތީ ކަމަށެވެ. އެހެންވެ، މާދަމާރޭ މެންދަމު 12:00 ގެ ނިޔަލަށް އެކަމަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށް ބުންޏެވެ.
އޮބްޒާވަރުންގެ ގޮތުގައި ސިޔާސީ ޕާޓީތަކުންނާއި، ޖަމްޢިއްޔާ ޖަމާޢަތްތަކުންނާއި، އަމިއްލަ ފަރާތްތަކަށް އޮބްޒާވަރުންނަށް ވުމަށް އެދި ފޯމު ހުށަހެޅޭނެ އެވެ. އެގޮތުން ސިޔާސީ ޕާޓީތަކުން އޮބްޒާވަރުންގެ ގޮތުގައި ހުށަހަޅާނީ ސިމެދަ ޕޯޓަލް މެދުވެރިކޮށް އެ ޕާޓީއަކަށް ދީފައިވާ ލޮގިންއިން އެވެ. ޖަމްޢިއްޔާތަކުން އޮބްޒާވަރަކަށް ވުމަށް އެދޭ ފަރާތްތަކުގެ ފޯމު ހުށަހަޅާނީ، އެ ޖަމްޢިއްޔާތަކުން ކަނޑައަޅާ ޑޭޓާ ލިއޭޒަންއެއް މެދުވެރިކޮށް މައި ޕޯޓަލުންނެވެ. އަދި އަމިއްލަ ގޮތުން އޮބްޒާވަރަކަށް ވުމަށް އެދޭ ފަރާތްތަކުގެ ފޯމު ހުށަހަޅާނީ، ކޮމިޝަނުގެ މައި ޕޯޓަލުންނެވެ.
ވޯޓު ނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތައް އޮބްޒާވްކުރުމަށް ސިޔާސީ ޕާޓީތަކަށާއި، ޖަމާޢަތްތަކަށް ފާސްދޫކުރެވޭނީ، އެއިން ކޮންމެ ސިޔާސީ ޕާޓީއަކަށާއި، ޖަމްޢިއްޔާއަކަށް، އިންތިޚާބުގައި ވޯޓުލުމަށް ބަހައްޓާ ވޯޓު ފޮށީގެ ޢަދަދަށްވުރެ 10 އިންސައްތަ އިތުރުނުވާ ގޮތަށެވެ. އަދި ވޯޓުލާ މަރުކަޒުގައި ކޮންމެ ޙައިސިއްޔަތަކުން އެއްފަހަރާ ހަރަކާތްތެރިވެވޭނީ 1 އޮބްޒާވަރަށެވެ.
އަންނަ އޭޕްރީލުމަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓްގައި ޖުމުލަ 294،876 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވެ އެވެ. އެއީ 144،506 އަންހެނުންނާއި 150،370 ފިރިހެނުންނެވެ.



