- Advertisement -spot_img

ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވައިގެން ނަތީޖާ ނެރެވޭ މަޖިލީހެއް ލިބިދާނެ: ދިޔާނާ

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުން ކުރީގެ އެޓާނީ ޖެނެރަލް ފާތިމަތު ދިޔާނާ ސައީދު ތާއީދުކުރައްވައި ވާހަކަދައްކަވައިފިއެވެ.

ދިޔާނާ މިހެން ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޒު ހުސްނުއްސުއޫދު ދެއްކެވި ވާހަކަފުޅުތަކަކާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

ދިޔާނާ ވިދާޅުވީ ސަރުކާރު ޖަވާބުދާރީ ކުރެވޭ ފަދަ އިފެކްޓިވް ނުވަތަ ނަތީޖާ ނެރެވޭ މަޖިލީހެއް ލިބިގަތުމަކީ މި ގައުމަށް މިހާރު އޮތް އެންމެ މުހިންމު މަސައްކަތް ކަމަށެވެ. އަދި ފަނޑިޔާރު ސުއޫދު ފާހަގަކުރެއްވި ކްރިޓިކަލް ކަންކަން ހާސިލްނުވެ އޮތް އެންމެ ބޮޑު ސަބަބަކީ ވެސް ނަތީޖާ ނެރެވޭ މަޖިލީހެއް ލިބިފައި ނެތުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި މިހާރު އަމަލުކުރަމުންދާ، ދެ އިންތިހާބުގެ ދެމެދުގައި ހަ މަސް ދުވަސް އޮންނަ ނިޒާމަށް ފާޑުވިދާޅުވަމުން ދިޔާނާ ވިދާޅުވީ، ވޭތުވެދިޔަ 15 ވަރަކަށް އަހަރު ތެރޭގައި އެ ނިޒާމުގެ ތެރެއިން ސަރުކާރު ޖަވާބުދާރީ ކުރެވޭނެ އެންމެ މަޖިލީހެއް ވެސް ލިބިފައިނުވާ ކަމަށެވެ. އެހެންކަމުން މިހާރު އޮތް ’ސްޓެގަރޑް‘ ނިޒާމަކީ ރާއްޖޭގެ ހާލަތުގައި ފެއިލްވެފައިވާ ނިޒާމެއްގެ ގޮތުގައި ބަލަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ދިޔާނާ އިތުރަށް ވިދާޅުވީ މިހާރު ހުރި އެހެން އޮޕްޝަންތަކަށް ބެލުން ލާޒިމްވާ ކަމަށާއި، އެގޮތުން ’ކޮންކަރަންޓް‘ ނުވަތަ ދެ އިންތިހާބު އެއްކޮށް ބޭއްވުމުގެ ނިޒާމު ޓެސްޓުކުރުން މުހިންމު ކަމަށެވެ.

 ”މީގެ އިތުރުން އެއް ތާރީޚެއްގައި އިންތިހާބު ބޭއްވުމުން އިންތިހާބު ބޭއްވުމުގެ އިދާރީ ހަރަދާ އެކު ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކުރެވިދިޔުމުގެ ފުރުސަތުވެސް ކުޑަވާނެކަމަށް ފެނޭ،“ ދިޔާނާ ވިދާޅުވިއެވެ.

މި ބަދަލުގެ ސަބަބުން ދައުލަތުގެ ބަޖެޓުން ކުރާ ހަރަދުތައް ކުޑަވެ، ސިޔާސީ ހަމަޖެހުމަށް މަގުފަހިވާނެ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ގުޅުންހުރި ލިޔުންތައް