spot_img

އިސްދޫ ކަލައިދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފި

ލ.އިސްދޫ ކަލައިދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

މިމަޝްރޫޢު އިފްތިތާހުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު އެރަށަށް ކުރެއްވި ދަތުރުފުޅުގައެވެ.

އިސްދޫ-ކަލައިދޫގެ މަގު ހެދުމުގެ މަސައްކަތް ކުރިއަށްގެންދަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާރްޑީސީއާ ހަވާލުކޮށްގެންނެވެ. މި މަޝްރޫޢުގެ ދަށުން އެރަށުން 4.39 ކިލޯމީޓަރުގެ މަގުގައި ތާރު އަޅާ ޒަމާނީ ފެންވަރަށް ތަރައްޤީކުރެއެވެ. އިސްދޫ-ކަލައިދުއަކީ ގުދުރަތީގޮތުން އެއް ބިމެއްގައި، އާބާދުވެފައިވާ އިދާރީ ވަކި ދެ ރަށެވެ.

މި މަޝްރޫޢަށް 100 މިލިޔަނަށްވުރެ ގިނަ ރުފިޔާ ހޭދަކުރެއެވެ. ދެ ރަށުގެ އާބާދީ 1600 އިން މައްޗަށް އަރައެވެ.

މަގުހެދުމުގެ މަޝްރޫޢުގައި ރަށުގެ މައި ބޮޑެތި މަގުތަކާއި، އާއްމު ޚިދުމަތްތައް ހޯދާ އެކި އިދާރާތަކާއި މުއައްސަސާތައް ހިމެނޭ މަގުތަކުގައި ތާރު އަޅާ ތަރައްޤީކުރާނެއެވެ. އަދި ފެން ހިންދާ ނިޒާމުވެސް ޤާއިމުކުރާނެއެވެ.

އެ ސަރަޙައްދުގައި ކުރިއަށްގެންދާ މަސައްކަތްތަކަށް ބަލާއިރު ލ.ކަލައިދުއާއި ދަނބިދޫ ގުޅާލާ ކޯޒްވޭގެ މަސައްކަތްވެސް މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު، ރައީސުލްޖުމްހޫރިއްޔާ އެރަށަށް ކުރެއްވި ދަތުރުފުޅުގައި ވަނީ ފަށާފައެވެ.

އެ މަސައްކަތް ކުރިއަށް ގެންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ.

މި މަސައްކަތުގައި 315 މީޓަރުގެ ކޯޒްވޭއެއް ތަރައްޤީކުރެއެވެ. މިއާއެކު ދަނބިދުއާއި ކަލައިދޫ އަދި އިސްދޫ ހިމެނޭހެން 3 ރަށުގައި ދިރިއުޅޭ 3500 އަށްވުރެ ބޮޑު އާބާދީ ގުޅާލެވޭނެއެވެ. މިކަމުގެ ސަބަބުން 3 ރަށުގައި ދިރިއުޅޭ ރައްޔިތުންނަށްވެސް ދަތުރުފަތުރުކުރުމުގައި ވަރަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބޭއިރު، އިޤްތިޞާދީގޮތުންނާއި އިޖްތިމާޢީގޮތުންވެސް ކުރިއެރުންތަކެއް ލިބޭނެކަން ސަރުކާރުން ފާހަގަކުރައްވައެވެ.

spot_img

ގުޅުންހުރި ލިޔުންތައް