- Advertisement -spot_img

ޗައިނާ، އިންޑިއާ އަދި ރަޝިއާ މާކެޓުން ފްލައިޓްތައް އިތުރުކުރަނީ

އެމެރިކާއާއި އިޒްރޭލް އިސްވެ އޮވެ އިރާނަށް ދިން ވައިގެ ހަމަލާތަކުގެ ސަބަބުން މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ފަތުރުވެރިން އަންނަ ރޫޓުތަކުގައި ހިމެނޭ ފްލައިޓްތަކުގެ 30 ޕަސަންޓް ގެއްލިފައިވާތީ އެކަން ފޫބެއްދުމަށްޓަކައި އިންޑިއާ، ޗައިނާ، އަދި ރަޝިއާ މާކެޓުން ފްލައިޓްތައް އިތުރުކުރުމަށް މަސައްކަތްކުރަމުންދާކަމަށް ޓޫރިޒަމް މިނިސްޓަރު ތޯރުގް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެދާނެ ދަތިތަކާއި އެހެން ކަންކަން ހައްލުކުރުމަށާއި، ފިޔަވަޅުތައް އެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފައްދަވާފައިވާ މިނިސްޓަރުންގެ ހާއްސަ ކޮމިޓީން ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތޯރިގު ވިދާޅުވީ ފަތުރުވެރިކަމުން ރާއްޖެއަށް ލިބޭ އާމްދަނީގެ ބޮޑު އަދަދެއް ހަނގުރާމައިގެ ސަބަބުން ގެއްލިފައިވާ ކަމަށެވެ. އެހެންވެ އެ ގެއްލުނު ބައި ހޯދުމުގެ ގޮތުން ރާއްޖޭގެ ޓޫރިޒަމް އިތުރަށް މާކެޓް ކުރުމުގެ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

އެކަމުގެ އިތުރު ތަފްސީލު ދެއްވަމުން ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ ރަޝިއާގެ އެއިރޯފްލޮޓް އަދި އިންޑިއާގެ އެއާ އިންޑިއާއިންވަނީ ކުރިން ރާއްޖެއަށް ހާއްސަކުރާ އަދަދަށްވުރެ ދެގުނަ އަދަދެއްގެ ފްލައިޓްތައް ރާއްޖެއަށް ދަތުރުކުރާނެކަމުގެ ޔަގީންކަން ދީފައި ކަމަށެވެ.

މެލޭޝިއާގެ އެއާއޭޝިއާއިން ކުރިއަށްހުރި ދުވަސްތަކުގައި ރާއްޖެއަށް ވައިޓް ބޮޑީ އެއާކްރާފްޓް މަތިންދާބޯޓުގެ ދަތުރުތައް ކުރާ ގޮތަށް ދަނީ މަސައްކަތްކުރަމުން ކަމަށާއި، އެއީ ގާތްގަނޑަކަށް 500 މީހުންގެ ޖާގަ ހުންނަ މަތިންދާ ބޯޓެއްކަމަށް އަމީން ވިދާޅުވިއެވެ.

އަދި ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ)ގެ އިއްތިހާދު އެއާވޭސްއިން ކުރިއަށްހުރި ދުވަސްތަކުގައި ދުވާލަކު ދެ ފަހަރަކު ރާއްޖެއަށް ދަތުރުކުރާނެކަމަށް އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވީ މެދުއިރުމަތީގެ އެއާލައިންތަކުގެ ދަތުރުތައް ރާއްޖެއަށް ހުއްޓުނު ނަމަވެސް މަތީ ފަންތީގެ މީހުން ޖެޓްތަކުގައި ރާއްޖެ ދަތުރުކުރަމުންދާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް