- Advertisement -spot_img

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް އިތުރަށް ތަރައްޤީ ކުރުމުގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކޮށްފި

ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް އިތުރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢު ކޮންޓްރެކްޓަރާއި ސަރުކާރުން ހަވާލުކޮށްފިއެވެ.

މި މަސައްކަތް ހަވާލުކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތު އޮތީ ސިއްޙީ ވުޒާރާގައެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ މަޝްރޫޢު ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. މި އެއްބަސްވުމުގައި ސިއްޙީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އިސްމާޢީލް ޢަބްދުﷲއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަރީފް އަބްދުލްރަހްމާން ޔޫސުފްއެވެ.

މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވަހީގެ ދަށުން، އައު އިމާރާތް އެޅުމަށް ހަމަޖެހިފައިވާ ސަރަހައްދުގައި މިހާރު ހުރި އޮޕަރޭޝަން ތިއޭޓަރާއި، ސީއެސްއެސްޑީ ފަދަ މުހިންމު ޚިދުމަތްތައް ހޮސްޕިޓަލުގެ އެހެން ތަނަކަށް ބަދަލުކުރެވޭނެއެވެ. ދެވަނަ ފިޔަވަހީގައި އައު އިމާރާތުގެ އަމަލީ މަސައްކަތް ފެށުމަށް ވަނީ ތާވަލުކުރެވިފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސިއްޙީ ވަޒީރު ޢަބްދުﷲ ނާޘިމް އިބްރާހީމް ވިދާޅުވީ، ”މި މަޝްރޫޢަކީ އަތޮޅުތެރޭގެ ސިއްޙީ ޚިދުމަތް ފުޅާކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން، ކުރެވޭ ވަރަށް މުހިންމު މަސައްކަތްތަކެއް“ ކަމަށެވެ. މި މަޝްރޫޢުގެ ސަބަބުން އެ ސަރަހައްދުގެ ރައްޔިތުންނަށް ލިބޭ ސިއްޙީ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވެގެންދާނެ ކަމަށް ވުޒާރާއިން އުންމީދު ކުރެއެވެ.

ގުޅުންހުރި ލިޔުންތައް