- Advertisement -spot_img

ވިޔަފާރީގެ އައު ފުރުޞަތުތަކާ ގުޅޭގޮތުން ޖަޕާނާއިއެކު މިފްކޯ އިން މަޝްވަރާކޮށްފި

ޖަޕާނު މާކެޓުގައި ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތައް އިތުރަށް ފުޅާކުރުމަށްޓަކައި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ޖަޕާން އެކްސްޓާނަލް ޓްރޭޑް އޯގަނައިޒޭޝަން (ޖެޓްރޯ) އާ މަޝްވަރާކޮށްފިއެވެ.

މި ބައްދަލުވުން ބާއްވާފައިވަނީ މިފްކޯގެ ވަފުދެއް މިހާރު ޖަޕާނުގެ ޓޯކިޔޯއަށް ކުރަމުންދާ ރަސްމީ ޒިޔާރަތުގެ ތެރެއިން، ޓޯކިޔޯގައި ހުންނަ ޖެޓްރޯގެ މައި އިދާރާގައެވެ. ޖެޓްރޯއަކީ ޖަޕާނު ސަރުކާރުގެ ފަރާތުން ބޭރުގެ ވިޔަފާރިތަކާއި އިންވެސްޓްމަންޓްތަކަށް އެހީތެރިކަން ފޯރުކޮށްދޭ މައި އިދާރާއެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި މި މަޝްވަރާތަކުގެ މައިގަނޑު އަމާޒަކީ ޖަޕާނުގެ މާކެޓުގައި މިފްކޯގެ ވިޔަފާރީގެ ފުރުޞަތުތައް އިތުރުކުރުމާއި، އެކަމުގައި ޖެޓްރޯގެ ފަރާތުން ފަންނީ އަދި އިދާރީ ގޮތުން ދެވިދާނެ އެހީތެރިކަމާ ގުޅޭގޮތުން މަޝްވަރާކުރުމެވެ.

މީގެ އިތުރުން ދިވެހި މަހުގެ އުފެއްދުންތަކަށް ޖަޕާނުން އޮތް ޑިމާންޑް އިތުރުކުރުމަށް ކުރެވިދާނެ މަސައްކަތްތަކަށްވެސް މި ބައްދަލުވުމުގައި އަލިއަޅުވާލާފައިވެއެވެ.

މި ބައްދަލުވުމުގައި މިފްކޯގެ ފަރާތުން ބައިވެރިވެވަޑައިގަތީ ސްޓްރެޓެޖިކް ކޮންސަލްޓެންޓް އާޠިފް ޝަކޫރާއި ކޯޕަރޭޓް އެފެއަރޒް ޖެނެރަލް މެނޭޖަރ އާމިނަތު ސަނިއްޔާ ޝަރީފެވެ. މި ބައްދަލުވުމުގައި ޖަޕާނުގައި ހުންނަ ރާއްޖޭގެ އެމްބަސީ ހިންގުމާ ޙަވާލުވެޑައިގެން ހުންނެވި ޑެޕިޔުޓީ އެމްބެސެޑަރ އަޙްމަދު ޢާދިލާއި އެމްބަސީގެ ސެކަންޑް ސެކްރެޓަރީ ޙައްވާ ސަމްޙާ ބައިވެރިވެވަޑައިގަތެވެ.

ގުޅުންހުރި ލިޔުންތައް