- Advertisement -spot_img

ނޫރުލް އަޛާން މުބާރާތުގެ ފަޚުރުވެރި އެއްވަނަ ސުލައިމް މުޙައްމަދު ލަޠީފަށް

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން 1446 ވަނަ އަހަރުން ފެށިގެން ބާއްވަން ފެށި ނޫރުލް އަޛާން މުބާރާތުގެ ފަޚުރުވެރި އެއްވަނަ ސުލައިމް މުޙައްމަދު ލަޠީފް ޙާސިލްކޮށްފިއެވެ.

މި މުބާރާތުގެ ފައިނަލް ރައުންޑުގައި 6 ބައިވެރިއަކު ވަނީ ދަތުރުކޮށްފައެވެ. މި ފައިނަލް ރައުންޑްގައި މި ބައިވެރިންނަށް ހަވާލުކުރެވުނީ ޙިޖާޒް ރާގަށް ބަންގިއާއި ޤަމަތް ދިނުމެވެ.

މި މުބާރާތުގެ ދެވަނަ ޙާސިލްކޮށްފައިވަނީ ޙަމްޒާ ބިން ހަސަންއެވެ. އަދި ތިންވަނަ ހާސިލްކޮށްފައިވަނީ މުޙައްމަދު ހަނޫން ހުސައިންއެވެ. ހަތަރުވަނަ ހަނީޒް ހަނީފްއަށް ލިބުނުއިރު ފަސް ވަނަ ލިބިފައިވަނީ އިސްމާޢިލް އިފްރާޙް އިބްރާހިމް އަލީއަށެވެ. އަދި ހަވަނަ ލިބިފައިވަނީ މާޠިޢު އަޙްމަދު ނާޒިމްއަށެވެ. މި ހުރިހާ ބައިވެރިންނަށްވެސް ވަނީ ޓްރޮފީއާއި ހަނދާނީ ލިޔުމާއި ޙާއްސަ އިނާމުތަކެއް ދެއްވާފައެވެ.

އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިންނާއި ބައެއް ކުންފުނިތަކުން ވަނީ މުބާރާތުގެ ވަނަތައް ޙާޞިލްކުރި ފަރާތައް އިނާމު ދީފައެވެ. އެގޮތުން އެއްވަނަ ހާސިލްކުރި ސުލައިމް މުޙައްމަދު ލަޠީފަށް ޓްރޮފީއާއި ހަނދާނީ ލިޔުމުގެ އިތުރުން ހާއްސަ އިނާމުތަކެއް ދީފައެވެ. މީގެ ތެރޭގައި 75 އިންޗީގެ ޓީވީއަކާއި، ދިގުފަރު އައިލެންޑް ރިޒޯޓުގެ ސްޓޭއަކާއި، އެސްޓީއޯގެ ހާއްސަ އިނާމެއްވެސް ވަނީ ދެއްވާފައެވެ.

އެފަރާތަށް މި އިނާމުތައް ހަވާލުކޮށްދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ.

މި މުބާރާތަކީ ރީތި ރާޤުތަކަށް ޞައްޙަ މަގުން ހުނަރުވެރިކަމާއެކު ބަންގިދޭ ޒުވާނުންތަކެއް އުފެއްދުމާއި ޒުވާނުންނާއި ކުދިބޮޑު އެންމެންގެ ހިތްތަކުގައި އެކަމަށް ޝައުޤުވެރިކަން އުފެއްދުމާއި ޤައުމުގެ އިސްލާމީ ޝަޚްސިއްޔަތު ވަރުގަދަ ކުރުމާއި ރީތިކޮށް ބަންގިދޭ ޒުވާނުންގެ ޕޫލެއް އެކުލަވާލުމަށް ކުރެވޭ މަސައްކަތުގެ ދަށުން ބޭއްވޭ މުބަރާތެކެވެ. އަދި މީގެ އިތުރުން މިމުބާރާތުން މި ފަންނުގެ ރޫޙު އާލާކުރުމާއި ދިރުވުމާއި ކުރިއެރުވުމާއި އަދި މިއީ ދާއިރާއެއްގެ ގޮތުގައި ފާހަގަކޮށް މި ދާއިރާގައި އުޅުއްވާ ބޭފުޅުންގެ އަގުވަޒަންކުރުމާއި މާލެސިޓީއާއި މުޅި ރާއްޖޭގެ މުސްތަޤުބަލުގެ އިސްލާމީ ޝަޚްސިއްޔަތު ވަރުގަދަކުރުން ހިމެނެއެވެ.

ގުޅުންހުރި ލިޔުންތައް