ރާއްޖޭގެ ޓުއަރިޒަމް އިޝްތިހާރު ކުރުމަށާއި ރާއްޖެއަށް އަންނަ ޓޫރިސްޓުން އިތުރު ކުރަން ބުކިން ޑޮޓްކޮމްއާއެކު އެމްއެމްޕީއާރުސީ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އެމްއެމްޕީއާރުސީ ގެފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝިއުރީއެވެ. ބުކިންގ ޑޮޓްކޮމްގެ ފަރާތުން ސޮއިކުރެއްވީ އިންޑިއާ. ސްރީލަންކާ، ރާއްޖެ އަދި އިންޑޮނޭޝިއާގެ ކަންޓްރީ މެނޭޖަރު ސަންތޯޝް ކުމާރެވެ.
މިއަހަރުގެ މާރިޗް މަހުގެ އެއްވަނަ ދުވަހުން ފެށިގެން 2027 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް އެކުލަވާލާފައިވާ މި އެއްބަސްވުމުގައި ބުކިންގް ޑޮޓްކޮމް އާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ގުޅިގެން ހިންގާ ގިނަ ހަރަކާތްތަކާއި ކެމްޕެއިންތަކެއް ވަނި ހިމެނިފައެވެ. އަދި މީގެއިތުރުން މިއެއްބަސްވުމުގެ ދަށުން ދެފަރާތް ގިޅިގެން ސްޓްރެޓެޖިކް ޕާޓްނާޝިޕްތައް ހިންގުމަށް ޓަކައި ގުޅިގެން ކުރިއަށް ގެންދާ ފްރޭމްވޯކެއްވެސް ވަނީ ތައްޔާރުކޮށްފަ އެވެ.
އެމްއެމްޕީއާރުސީ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ދުނިޔޭގެ އެންމެ ބޮޑު ބޮޑު އެއް ޑިޖިޓަލް ޓްރެވަލް ޕްލެޓްފޯމް ކަމަށްވާ ބުކިންގްކޮމް އާ ގުޅިގެން ރާއްޖެ އަކީ ދަތުރުފަތުރަށް އެންމެ އެކަށީގެންވާ މަންޒިލްގެ ގޮތުގައި އިޝްތިހާރު ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ. އަދި މި އެއްބަސްވުމާއެކު ބައިނަލްއަޤްވާމީ ވަސީލަތްތަކާއި މާކެޓިންގ ތަޖުރިބާގެ ބޭނުންހިފައި ރާއްޖޭގެ ރަށްރަށުގެ ގުދުރަތީ ރީތިކަމާއި ހިތްގައިމު ސަގާފަތާއި ތަފާތު ތަޖުރިބާތައް ދައްކުވައިދީ ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ކުރިއެރުވިގެންދާނެ ކަމަށްވެސް އެފަރާތުން މަޢުލޫމާތު ދެއެވެ.
މިއެއްބަސްވުމުގެ ދަށުން އިނޮވޭޓިވް މާކެޓިންގ މެދުވެރިކޮށް ފަތުރުވެރިން ރާއްޖެއަށް އަންނަ މިންވަރު އިތުރުކުރުމާއި، ބުކިންގް ޑޮޓްކޮމްގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ހުށަހެޅުންތައް ފެންނަ މިންވަރު އިތުރުކުރުން ހިމެނެއެވެ. އަދި މީގެ އިތުރުން ޖޮއިންޓް މާކެޓިންގ ކެމްޕޭންތައް ހިންގުމާއި، ފަތުރުވެރިންނަށް އެކޮމޮޑޭޝަން ދޭ ފަރާތްތަކަށް ހުނަރު ބިނާކުރުމުގެ ވޯކްޝޮޕްތައް ބޭއްވުންވެސް ހިމެނޭކަމަށް އެފަރާތުން މަޢުލޫމާތު ދެއެވެ.
މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށްވެސް މުހިންމު ކަންތައްތަކެއް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވެއެވެ. އޭގެތެރޭގައި މިމުވައްޒަފުންނަށް ސަޕްލައި ޗެއިން އޮޕްޓިމައިޒޭޝަން ތަމްރީނު ދިނުން ހިމެނެއެވެ. އަދި މީގެ އިތުރުން އެމްއެމްޕީއާރުސީގެ މާކެޓިންގ ކެމްޕެއިންތަކަށް ޕްރޮމޯޝަނަލް ހަރަކާތްތަކުގައިވެސް އެފަރަތްތަކަށް ބައިވެވެނޭނެއެވެ.
”ބުކިންގް ޑޮޓްކޮމްގެ ފުޅާ ނެޓްވޯކާއި ޑިޖިޓަލް މާކެޓިންގެ ބޭނުން ހިފައިގެން އަޅުގަނޑުމެންގެ އަމާޒަކީ ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް އިތުރުކޮށް، ފަތުރުވެރިކަން ކުރިއެރުވުމަށް މަގުފަހިކޮށްދިނުން. އަދި މި އެއްބަސްވުމުގެ ސަބަބުން، ދުނިޔޭގެ ފެންވަރުގައި މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި، ބައިނަލްއަޤްވާމީ ފަރާތްތަކަށް ވާޞިލްވެ، ރާއްޖެއަކީ އެންމެ މަތީ ފެންވަރުގެ މަންޒިލެއްގެ ގޮތުގައި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް މަގުފަހިވެގެންދާނެ،“ ޝިއުރީ ވިދާޅުވި އެވެ.
ސަންތޯޝް ކުމާރު ފާހަގަކުރެއްވި ގޮތުގައި ރާއްޖެ އަކީ ފަތުރުވެރިން އެންމެ ދާންބޭނުންވާ މަންޒިލްގެ ގޮތުގައި އިޝްތިހާރު ކުރުމަށް އެމްއެމްޕީއާރުސީއާ ގުޅިގެން މަސައްކަތް ކުރަން ލިބުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި ރާއްޖެއަކީ އާދަޔާ ޚިލާފު ދަތުރުފަތުރުގެ ތަޖްރިބާތަކެއް ލިބޭ ޤައުމެއް ކަމަށާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން ދަތުރުކުރާ ފަތުރުވެރިންނަށް ރާއްޖޭގެ ތަފާތުކަން ދައްކުވައިދިނުމަށްޓަކައި ބުކިންގް ޑޮޓްކޮމްގެ ޕްލެޓްފޯމާއި ވަސީލަތްތަކުގެ ބޭނުން ހިފާނެކަމަށެވެ. މިއާއެކު ހާއްސަކޮށް ލޯކަލް އެކޮމޮޑޭޝަން ޕާޓްނަރުންނަށް ތަމްރީނާއި ހުނަރު ބިނާކުރުމުގެ މަސައްކަތްތަކުގެ ތެރެއިން އެހީތެރިކަން ފޯރުކޮށްދިނުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއްކަމަށެވެ. އަދި މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ދިގު މުއްދަތަކަށް ދެމެހެއްޓުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށްވެސް ކަންޓްރީ މެނޭޖަރު ސަންތޯޝް ކުމާރު ވިދާޅުއެވެ.