- Advertisement -spot_img

މި އަހަރުގެ ފުރަތަމަ އިހްޔާ ފޯރަމް މިރޭ ބާއްވަނީ

އިސްލާމިކް މިނިސްޓްރީން އިންތިޒާމްކޮށްގެން ރަމަޟާން މަހުގެ ރޭތައް އިހްޔާ ކުރުމަށް ކޮންމެ އަހަރަކުވެސް ބާއްވާ އިހްޔާ ފޯރަމްގެ، މި އަހަރުގެ ފުރަތަމަ ފޯރަމް މިރޭ ބޭއްވުމަށް އެ މިނިސްޓްރީން ތައްޔާރުވެއްޖެއެވެ.

މާލޭގައި ބާއްވާ މި ފޯރަމްގައި ތަގުރީރު ކުރައްވާނީ މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދެވެ. އެގޮތުން މިރޭގެ ފޯރަމަށް ކަނޑައަޅާފައިވާ މައުޟޫއު އަކީ ”ރަމަޟާން މަހުގެ މަތިވެރިކަން“ އެވެ. ފޯރަމް އޮންނާނީ އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި، މިރޭ 9:30 ގައެވެ. މި ފޯރަމް ޓީވީއެމް އިން ވަގުތުން ދުރަށް ދައްކާނެއެވެ.

މާލޭގެ އިތުރުން 10 ރަށެއްގައި މިއަހަރު އިހްޔާ ފޯރަމްތައް ބޭއްވުމަށް ވަނީ ނިންމާފައެވެ. އަތޮޅުތެރޭގައި އިހްޔާ ފޯރަމް ކުރިއަށް ގެންދިއުމަށް ރަށްތައް ކަނޑައަޅާފައިވަނީ އެކަމަށްޓަކައި ހުޅުވާލި ފުރުސަތުގައި، ރަށްރަށުގެ ކައުންސިލްތަކުން ހުށަހަޅާފައިވާ ޕްރޮޕޯސަލްތަކަށް ބަލައި، އެ ރަށްރަށުގައި މިފަދަ ޕްރޮގްރާމެއް ހިންގުމަށް ހުރި ތައްޔާރީތަކާއި އިންތިޒާމުތަކަށް ރިއާޔަތްކުރުމަށްފަހުއެވެ.

އެގޮތުން، އިހްޔާ ފޯރަމްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ތިނަދޫ ސިޓީ، ތ. ދިޔަމިގިލި، ގދ. މަޑަވެލި، ގދ. ގައްދޫ، ހއ. އިހަވަންދޫ، ޅ. ނައިފަރު، ކ. ހިންމަފުށި، ކ. ގުރައިދޫ، ލ. މާވަށް އަދި ރ. މީދޫގައެވެ.

މި ސިލްސިލާ ފޯރަމްތަކުގެ މައިގަނޑު މަގުސަދަކީ އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި، ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި، ބަރަކާތްތެރި ރަމަޟާން މަހުގެ މަންފާ އެންމެ ފުރިހަމަ ގޮތުގައި އާންމުންނަށް ފޯރުކޮށްދިނުމެވެ.

މީގެއިތުރުން މި އަހަރުވެސް އިހްޔާ ފޯރަމްތަކަށް ހާޒިރުވާ ފަރާތްތަކުގެ މެދުގައި ގުރުއަތު ނަގައިގެން ހާއްސަ އެކި އިނާމުތައް ދޭގޮތަށް ވަނީ ހަމަޖެހިފައެވެ.

ގުޅުންހުރި ލިޔުންތައް