ޕޮލިސް ކޮމިޝަނަރުގެ މަގާމުން އިސްމާއިލް ނަވީން ރިޓަޔާ ކުރެއްވުމާ ގުޅިގެން، އެ އިދާރާގެ ހިންގުން ވަގުތީ ގޮތުން ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީއާ ހަވާލުކޮށްފިއެވެ.
ފުލުހުންގެ ގާނޫނުގައިވާ ގޮތުން ޕޮލިސް ކޮމިޝަނަރުކަމަށް ބޭފުޅަކު އައްޔަން ކުރެވޭނީ ހޯމް މިނިސްޓްރީން އެކަމަށް އާންމުކޮށް އިއުލާން ކުރުމަށް ފަހުއެވެ. ޕޮލިސް ކޮމިޝަނަރުގެ މަގާމު ހުސްވާތާ 45 ދުވަހުގެ ތެރޭގައި އެ މަގާމަށް އާ ބޭފުޅަކު އައްޔަން ކުރަން ޖެހެއެވެ.
ޕޮލިސް ކޮމިޝަނަރު ކަމަށް ބޭފުޅަކު ކަނޑައަޅަނީ އެ މަގާމަށް ކުރިމަތިލާ މީހުންގެ ފެންވަރު ގާނޫނުގައިވާ ގޮތުން ޕޮލިސް ބޯޑުން ވަޒަންކޮށް ނުވަތަ އިންޓަވިއު ކުރުމަށް ފަހު، މިނިސްޓަރަށް ހުށަހަޅާ ނަންތަކުގެ ތެރެއިން، މިނިސްޓަރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ.
ޕޮލިސް ކޮމިޝަނަރު، އިސްމާއިލް ނަވީން ފުލުހުންގެ ހިދުމަތުން 31 އަހަރަށްފަހު އިއްޔެ ވަނީ ރިޓަޔާކުރައްވާފައެވެ.
ނަވީން ސީޕީކަމާ ހަވާލުވެވަޑައިގެންނެވީ އެ މަގާމުގައި ކުރިން ހުންނެވި އަލީ ޝުޖާއު މިދިޔަ އަހަރުގެ އޭޕްރީލް މަހު ކުއްލި ގޮތަކަށް ރިޓަޔާ ކުރެއްވުމުންނެވެ.



