- Advertisement -spot_img

ހިޔާ ސަރަހައްދުގައި އައުޓް ޑޯ ޖިމެއް ހުޅުވައިފި

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރި ފުރަތަމަ އައުޓް ޑޯ ޖިމް ހުޅުވައިފިއެވެ.

މިއަދު ހަވީރު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ޖިމް ރަސްމީކޮށް އިފުތިތާހުކޮށްދެއްވީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ އަލީ ޒުހައިރު އެވެ. މި ޖިމް ގާއިމްކޮށްފައިވަނީ ހުޅުމާލެ ފޭސް 2ގެ ޓަރފް ދަނޑު ކައިރީގައި އޮންނަ ބިމުގައެވެ. މިއީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓްތައް ހިމެނޭ ސަރަޙައްދެވެ.

ކަސްރަތު ކުރުމަށް ބޭނުންކުރާ 22 ބާވަތެއްގެ އައުޓްޑޯ އިކުއިޕްމަންޓް މި ޖިމުގައި ވަނީ ބަހައްޓާފައެވެ. މި މަޝްރޫއަކީ، ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ މެދުގައި ދުޅަހެޔޮ ދިރިއުޅުމެއް އަށަގެންނުވައި، ދުޅަހެޔޮ މުޖްތަމައުއެއް ބިނާކުރުމަށް ކުރިއަށްގެންދިޔަ މުހިންމު މަސައްކަތެއްކަމަށް އެޗްޑީސީން ބުންޏެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އާބާދީ އިތުރުވަމުންދާއިރު، އެތަނުގައި ދިރިއުޅޭ ތައްޔިތުންނަށް ހިތްފަސޭހަ މާޙައުލެއް ޤާއިމުކުރުމަށް، އާ މާސްޓަރ ޕްލޭންގެ ދަށުން ތަފާތު ގިނަ މަސައްކަތްތައް ކުރުމަށް ރާވާފައެވެ.

ނެޝަނަލް ފިޓްނަސް ޕްލޭނާއި އެއްގޮތަށް، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އައުޓްޑޯ ޖިމް ގާއިމްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

އެޗްޑީސީގެ އަމާޒަކީ، ސަރުކާރުގެ މި ވައުދު ފުއްދުމަށް އެއްބާރުލުން ދިނުމާއެކު، ކުރިއަށްއޮތްތަނުގައިވެސް މުޖްތަމައުއަށް ފައިދާހުރި އަދި ދުޅަހެޔޮ މުޖްތަމައުއެއް ބިނާކުރުމަށް މިފަދަ ގިނަ މަޝްރޫއުތައް ކުރިއަށްގެންދިއުމެވެ.

ގުޅުންހުރި ލިޔުންތައް