ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ކެބިނެޓްގެ ލަފާގެ މަތިން، އާސަންދައިން ބޭސް ހޯދުމުގައި މާލީ ދަތިތަކާއި ބޭސް މަދުވުން ހުއްޓުވުމަށްޓަކައި ނިޒާމަށް ބަދަލުތަކެއް ގެންނަވައިފިއެވެ.
މި ނިންމެވުން ނިންމަވާފައިވަނީ އާދީއްތަ ދުވަހު ބޭއްވުނު ކެބިނެޓް ބައްދަލުވުމުގައި މިނިސްޓްރީ އޮފް ހެލްތުން ހުށަހެޅުއްވި ކަރުދާހަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށްފަހުއެވެ.
އެގޮތުން، އަންނަނިވި ކަންތައްތައް ރައީސުލްޖުމްހޫރިއްޔާ ވަނީ ތަޢާރަފުކުރައްވާފައިވެއެވެ:
1. ރާއްޖޭގައި ޕްރިސްކްރައިބްކުރާ ހުރިހާ ބޭހެއް އާސަންދައިގެ ދަށުން ރަޖިސްޓަރީކުރެވޭނެ ނިޒާމެއް ޤާއިމުކުރެވޭނެއެވެ.
2. ފަރުވާގެ ގައިޑްލައިންތައް އެކުލަވާލައި ނިންމުން.
3. ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) މެދުވެރިކޮށް ލިބެންހުރި ބޭސްތައް ބެލުމަށް މިހާރު ތައްޔާރުކުރަމުންދާ ޑޭޝްބޯޑަށް ޑޮކްޓަރުންނަށް އެކްސެސް ލިބޭނެ އިންތިޒާމު ހަމަޖެއްސޭނެއެވެ.
4. މި ބަދަލުތަކުގެ މަޢުލޫމާތު (ނަންބަރު 3) ޑޮކްޓަރުންނަށް އެންގުން.
5. ފާސްކޮށްފައިވާ ބޭސްތަކުގެ ލިސްޓުގައި ހިމެނޭ ހުރިހާ ބޭހެއް މެދުނުކެނޑި އެސްޓީއޯ ފާމަސީތަކުގައި ލިބެން ހުންނާނެއެވެ.
6. އެމްއެފްޑީއޭގެ ސިޔާސަތުތަކުގެ ދަށުން އާސަންދައިން އެމްޕެނަލްކޮށްފައިވާ ބޭރުގެ ހޮސްޕިޓަލްތައް މެދުވެރިކޮށް ބޭސް އިމްޕޯޓުކުރުމަށް ބޭނުންވާ ހުއްދަތައް އެސްޓީއޯއިން ހޯދައި، ދާއިމީ ހައްލެއްގެ ގޮތުން، އެސްޓީއޯއިން ސީދާ ބޭސް އުފައްދާ ފަރާތްތަކުން ބޭސް ހޯދުމުގެ ނިޒާމެއް ޤާއިމުކުރެވޭނެއެވެ.
7. މާލޭގައި ޤާއިމުކުރާ 4 ޖީޕީ ކްލިނިކުން އެސްޓީއޯ ފާމަސީ މެދުވެރިކޮށް މެދުނުކެނޑި ބޭސް ލިބޭނެކަން ކަށަވަރުކުރެވޭނެއެވެ. މީގެ އިތުރުން، ހުރިހާ ރަށެއްގައާއި ސަރަޙައްދީ ހޮސްޕިޓަލްތަކުގައި ހަމައެކަނި އާސަންދައިން ބޭސް ފޯރުކޮށްދެވޭނެ ނިޒާމެއް ތަންފީޒުކުރެވޭނެއެވެ. އަދި ރަށްރަށުގައި ނެތް ބޭސްތައް އެސްޓީއޯއިން އެދުމުން ފޯރުކޮށްދެވޭނެއެވެ.
8. ބޭރުން ބޭސް އިމްޕޯޓުކުރުމުގައި އެހީތެރިވުމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ދައުރު ފުޅާކުރެވޭނެއެވެ.
9. މިނިސްޓްރީ އޮފް ހެލްތުން ޚިދުމަތް ދިނުމުގައި ދިމާވާ މައްސަލަތަކާއި މިކަންކަމާ ގުޅޭގޮތުން އެ މިނިސްޓްރީއަށް ހުށަހެޅޭ ކަންބޮޑުވުންތަކަށް އެޓެންޑްވާނެއެވެ.
10. އިންޕޭޝަންޓުގައި އެޑްމިޓްކޮށްފައި ތިބޭ ބަލިމީހުންނަށް އެސްޓީއޯ މެދުވެރިކޮށް ހޮސްޕިޓަލްތަކުން ބޭސް ލިބޭނެއެވެ.
11. އެމްއެފްޑީއޭއިން ރާއްޖެއަށް އިމްޕޯޓްކުރާ ކޮންމެ ބޭހެއް ޓްރޭސްކުރެވޭނެއެވެ. އަދި ބަލިމީހުންނަށް އެމީހުންގެ ޕްރިސްކްރިޕްޝަންތަކުން ބޭސް ލިބެންހުރި ތަންތަނާއި ލިބެންހުރިކަން ޓްރެކްކުރެވޭނެ ޑިޖިޓަލް ނިޒާމެއް ޤާއިމުކުރެވޭނެއެވެ.
ރައީސްގެ ރިޔާސީ ބަޔާނުގައި ވިދާޅުވިފަދައިން، މި ފިޔަވަޅުތައް ތަންފީޒުކުރުމުން އާސަންދައިން ބޭސް ހޯދުމުގައި ރައްޔިތުންނަށް އެއްވެސް ދަތިކަމެއް ނުވަތަ މާލީ ތަކުލީފެއް ކުރިމަތިނުވާނެކަން ކަށަވަރުކުރެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މަޢުލޫމާތު ދެއްވައެވެ.



