ފާއިތުވެދިޔަ އެއް މަސް ދުވަހުގެ ތެރޭ 104 މަސާޖު ޕާލާ ބަންދުކޮށްފައިވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ސަރުކާރު ހިންގާ ޕީއެންސީގެ މައި އޮފީސް ހުޅުވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ފާއިތުވި ސަރުކާރުތަކުން އިސްކަން ނުދޭ މިންވަރަށް މި ސަރުކާރުން އެފަދަ އަމަލުތައް ހުއްޓުވަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އަދިވެސް އެފަދަ 200އަށްވުރެ ގިނަ ތަން ބަންދުކުރަންޖެހިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، ނިމިދިޔަ ޑިސެންބަރު މަހުގެ ނުވަވަނަ ދުވަހުން ފެށިގެން މިއަދުގެ މިހާތަނަށް 104 ތަނެއް ބަންދުކުރެވިފައިވާ ކަމަށެވެ.
”އެހެންވީމާ ކުރިއަށް އޮތް ކުޑަ ދުވަސްކޮޅުގެ ތެރޭގައި އެ ތަންތަން ހިންގާ ފަރާތްތަކުން އެ ތަންތަން އަމިއްލައަށް ބަންދުކޮށް، ނުގަވައިދުން ކުރާ ހުރިހާ ކަމެއް ހުއްޓައިލައި، ޓޫރިސްޓް ވިސާގައި ގެނެސް ތިބި ބިދޭސީން އަމިއްލައަށް ފޮނުވާލައިގެން ނަމަވެސް، މިތަންތަން އަމިއްލައަށް ބަންދުކުރުމަކީ އެންމެ ރަނގަޅު ގޮތް،“ ރައީސް ވިދާޅުވިއެވެ.
މަސާޖު ޕާލާ ތަކުން ހައްޔަރުކުރާ ބިދޭސީ އަންހެނުން ސަރުކާރުން އަންނަނީ ޑީޕޯޓްކުރަމުންނެވެ.



