ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، ދުބާއީގައި ބޭއްވުނު ވޯލްޑް ގަވަރންމަންޓްސް ސަމިޓް 2025 ގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފިއެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ވޯލްޑް ގަވަރންމަންޓްސް ސަމިޓް 2025 ގެ އިފްތިތާޙީ ޖަލްސާއާއި ގްލޯބަލް ގަވަރންމަންޓް އެކްސެލެންސް އެވޯޑުގައި ބައިވެރިވެވަޑައިގެންފައެވެ. އަދި މީގެ އިތުރުން، ސަމިޓުގެ ހަވާސާގައި ބޭއްވުނު ގަވަރންމަންޓް އެކްސްޕީރިއަންސް އެކްސްޗޭންޖް ފޯރަމް އަދި ކްލައިމެޓް ޗޭންޖް ފޯރަމްގައިވެސް އެމަނިކުފާނު ވަނީ ބައިވެރިވެވަޑައިގެންނެވިއެވެ.
ކްލައިމެޓް ޗޭންޖް ފޯރަމްގައި ދެއްކެވި މައިގަނޑު ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލިއަޅުވާލެއްވީ މޫސުމީ ކާރިސާތަކަކީ ސިޔާސީ މަޝްވަރާތަކަށް މަޑުކޮށްގެން ތިބެވޭނެ ކަންކަން ނޫންކަމަށެވެ. އަދި ތޫފާނުތަކުގެ ބާރުގަދަވުމަކީ އިޤްތިޞާދީ ދައުރުތަކާ އެއްހަމައެއްގައި ނުހިނގާ ކަންކަން ކަމަށާއި، އަދި މަތިވަމުންދާ ފިނިހޫނުމިނަކީ ސަރަޙައްދީ ބޯޑަރުތައް ނުދަންނަ އެއްޗެއް ކަމަށެވެ.
މި ފޯރަމްގައި ނައިބު ރައީސްގެ އަރިހުގައި ޔޫއޭއީގެ މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް އެންޑް އެންވަޔަރަންމަންޓް އަމްނާ އަލް ދަހަކް އާއި ރިޕަބްލިކް އޮފް މަޑަގަސްކަރަގެ މިނިސްޓާ އޮފް އެންވަޔަރަންމަންޓް އެންޑް ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް މެކްސް އެންޑޯނިރީނާ ފޮންޓެއިން ބައިވެރިވެވަޑައިގެންނެވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އާއިއެކު މި ސަމިޓުގައި ސަރުކާރުގެ އިސް ބައެއް ބޭފުޅުންވެސް ވަނީ ބައިވެރިވެ ވަޑައިގެންނެވިއެވެ.