އިނގިރޭސި ޕްރެމިއާ ލީގުގައި ރޭ ރަށުން ބޭރުގައި ޗެލްސީ އިން މެންޗެސްޓާ ސިޓީ އާއި ދެކޮޅަށް ކުޅުނު މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެ އެއްވަނައިގައި އޮތް އާސެނަލް އާއި ދެމެދުގައިވާ ފަރަގު ކުޑަކުރަން ލިބުނު ފުރުސަތު ސިޓީ އިން ނަގާލައިފިއެވެ.
މެޗުގެ ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ސިޓީ އިން މެޗު ޑޮމިނޭޓްކުރިއިރު، އެޓީމުން މެޗުގެ ލީޑުހޯދީ ފުރަތަމަ ހާފުގެ 42 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު ތިޖާނީ ރެއިންޑަރސް އެވެ. މީގެ އިތުރުން މިހާފުގައި ސިޓީގެ ހާލަންޑް ފޮނުވާލި ހަމަލާއެއް ގޯލުގެ އަރިމަތީ ދަނޑިއަށް އަމާޒުވިއިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ސިޓީ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ބަދަލުތަކެއް ގެނެސް ޗެލްސީ އިން އެޓީމުގެ ކުޅުން ރަނގަޅުކުރިއިރު، އެޓީމު މެޗުގެ ނަތީޖާ އެއްވަރުކުރީ ދެވަނަ ހާފުގެ އިތުރުވަގުތުގެ ތެރޭގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު އެންޒޯ ފެނާންޑޭޒްއެވެ.

މީގެ އިތުރުން މިހާފުގައި ޗެލްސީ އިން ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު 20 މެޗުން މެންޗެސްޓާ ސިޓީއަށް 42 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ތާވަލުގެ ދެވަނައިގައެވެ. އަދި މެޗުން ފަހުވަގުތު ހޯދި ޕޮއިންޓާއެކު ލީގުގައި ކުޅުނު 20 މެޗުން ޗެލްސީއަށް 31 ޕޮއިންޓް ލިބިފައިވާއިރު، ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ތާވަލުގެ ފަސްވަނައިގައެވެ.



