ރޯދަ ހަދިޔާގެ ގޮތުގައި ބަހާ މަސްދަޅުގެ %75 މަސްދަޅު އުފެއްދުމުގެ މަސައްކަތް ނިމިފައިވާ ކަމަށް ލޯކަލް ކަވާމެންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަފުޅުދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ މިދިޔަ އަހަރުގެ ތަޖުރިބާއަށް ބެލުމަށްފަހު މިއަހަރު ރޯދަ ހަދިޔާ ބެހުމުގެ ކަންކަން ވަރަށް ދުރާލާ އިންތިޒާމް ކުރަމުންދާ ކަމަށެވެ. އެގޮތުން މިހާތަނަށް ކުރެވުނު މަސައްކަތަށް ބަލާއިރު، ރޯދަ ހަދިޔާގެ ގޮތުގައި ބަހާ މަސްދަޅުގެ %75 މަސްދަޅު މިހާރު ތައްޔާރުކޮށް ނިމިފައިވާ ކަމަށް ވިދާޅުވިއެވެ.
”އެއިރުގައި އަޅުގަނޑުމެންނަށް ދިމާވި އަނެއް ގޮންޖެހުން ރާއްޖޭގެ ހުރިހައި ސަރަހައްދަކަށް މަސްދަޅު ބަހަން ޖެހުނު އިރުގައި ދުރާލާ ތައްޔާރުވެފައި ނެތުމުގެ ސަބަބުން އެންމެ އެކަށީގެންވާ ވަރަކަށް މަސްދަޅުތަކެއް ނެތް އެއިރު ތައްޔާރު ކުރެވިފައެއް. އެހެންވީމަ އެ ހުރިހައި ކަމަކަށް ރިއާޔަތް ކޮށްގެން އެފަހަރު މަސައްކަތް ކުރަން ޖެހުނީ. އެކަމުގެ ތަޖުރިބާގެ އަލީގައި މިހާރު އަޅުގަނޑުމެންނަށް މައުލޫމާތު ލިބޭގޮތުން ޚާއްޞަކޮށް މިފްކޯއިން އެކަމަށް ބޭނުންވާ ގާތްގަނޑަކަށް %75 ވަރަކަށް ބޭނުންވާ މަސްދަޅު މިހާރުވެސް އެހުރީ ތައްޔާރު ކުރެވިފައި.“ އާދަމް ޝަރީފް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، ކަމާގުޅުން ހުރި އިދާރާތަކާއި، ކުންފުނިތަކާއިއެކު ވަރަށް ގާތުން މިމަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ. އަދި މިމަހުގެ 15 އާއި ހަމައަށް އަންނައިރު، މަސައްކަތް އާންމުންނާއި ހަމައަށް ތިލަކޮށް، މަސްދަޅު ބެހުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ވެފައިވާ ތައްޔާރީތައް އާންމު ކުރާނެ ކަމަށެވެ.
މިދިޔަ އަހަރުގެ ރަމަޟާންމަހު ސަރުކާރުން ވަނީ، ރޯދަ ހަދިޔާގެ ގޮތުގައި 111،231 މަސްދަޅު ކޭސް ހަދިޔާކޮށްފައެވެ. އެއީ، މާލޭގެ ގޭބިސީތަކަށް ހަދިޔާ ކުރި 50،519 މަސްދަޅު ކޭހާއި، އަތޮޅު ތެރޭގެ ގޭބިސީތަކަށް ހަދިޔާ ކުރި 60،712 މަސްދަޅު ކޭހެވެ.
މީގެއިތުރުން މި އަހަރުގެ ރޯދަ މަހު ގޭބިސީތަކުގެ ކަރަންޓް ބިލް 400 ރުފިޔާއަށްވުރެ ބޮޑުނުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.



