ރެއިން ފެށިގެން ރާއްޖޭގެ ހުރިހާ އެއާޕޯޓަކަށްވެސް ރޭގަނޑު ފްލައިޓްތައް ޖެއްސޭނެ އިންތިޒާމް މިހާރު ހަމަޖެހިފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
އަމީން ރޭ ”އެކްސް“ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ހިދުމަތް ރޭ ފުނަދޫ އެއާޕޯޓުގައި ފެށުމާއެކު ރޭގަނޑު ފްލައިޓް ނުޖެއްސޭ އެއްވެސް އެއާޕޯޓެއް މިހާރު ރާއްޖޭގައި ނޯންނާނެ ކަމަށެވެ.
”ރާއްޖޭގެ އޭވިއޭޝަން ދާއިރާއަށް މިއީ ހަގީގަތުގައިވެސް ފާހަގަކޮށްލެވޭ ތާރީހީ ދުވަހެއް،“ މިނިސްޓަރު ވިދާޅުވިއެވެ.
މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ ގައުމީ މުހިންމު އަމާޒެއް ކަމަށާއި އެ އަމާޒަށް ވާސިލްވެވުނީ އެމަނިކުފާނު މެދުކެނޑުމެއްނެތި ދެއްވެވި އިރުޝާދާއި އެއްބާރުލުމާ އެކުގައި ކަމަށް ވެސް އަމީން ވިދާޅުވިއެވެ.
ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ނިޒާމް ހަރުދަނާކުރަން ސަރުކާރުން އަންނަނީ މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެކި ރަށްތަކުގައި އެއާޕޯޓް އެޅުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.



