ހޯމަ, ޑިސެމްބަރ 8, 2025
spot_img
- Advertisement -spot_img

ޒަކާތު ޤާނޫނަކީ ފަހުގެ އިސްލާމީ ދިރާސާތަކުގެ މައްޗަށް ބިނާވެފައި އޮތް ވަރަށް ހަރުދަނާ ޤާނޫނެއް: ޝަހީމް

ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ތަސްދީގު ކުރެއްވި ޒަކާތު ޤާނޫނަކީ ފަހުގެ އިސްލާމީ ދިރާސާތަކުގެ މައްޗަށް ބިނާވެފައި އޮތް ވަރަށް ހަރުދަނާ ޤާނޫނެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުން މިނިސްޓަރު ޑރ. ޝަހީމް ވިދާޅުވީ، އެ ގާނޫނުގެ ދަށުން ލިބޭނެ އެންމެ ބޮޑު ކުރިއެރުމަކީ މި ނިޒާމަކީ ވަރަށް ދެފުށް ފެންނަ ގޮތެއްގައި، ރައްޔިތުންގެ ފުރިހަމަ އިތުބާރު ލިބޭނެ ނިޒާމަކަށް ވެގެން ދިއުން ކަމަށެވެ. މި ޤާނޫނުގެ ދަށުން، ޒަކާތުގެ ފައިސާ ޖަމާ ކުރުމަށް އެމްއެމްއޭގައި ވަކި އެކައުންޓެއްވެސް ކަނޑައަޅަންޖެހެއެވެ.

2023 ވަނަ އަހަރުގެ ޑިސެމްބަރު 18 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ”ޒަކާތު ހައުސް“ ދެން ހިނގަމުންދާނީ މި ޤާނޫގެ ދަށުންނެވެ. 1 ޖެނުއަރީއިން ފެށިގެން ޤާނޫނު ތަންފީޒުކުރަން ފަށާނެއެވެ.

”ވަރަށް މުހިންމު މުވައްސަސާއަކަށް މި އިތުބާރު ލިބެނީ. އޮޑިޓްކުރާނެ، ހިސާބުކިތާބު އާއްމުކުރާން ޤާނޫނުން ލާޒިމުވީ. ޒަކާތުގެ ފައިސާ ޚަރަދުކުރަނީ، ދެފުށް ފެންނަ ގޮތަކަށްކަން ކަށަވަރު ކުރާނެ. ޖަވާބުދާރީ ކުރެވޭނެ.“ ޝަހީމް ވިދާޅުވިއެވެ.

އެ ގާނޫނު އެކުލަވާލުމުގައި އިސްލާމީ ފަހުގެ ދިރާސާތަކާއި އަދި ޒަކާތުގެ ކާމިޔާބު ނިޒާމުތައް ތަންފީޒު ކުރަމުންދާ އިސްލާމީ ޤައުމުތަކުގެ ނިޒާމުތަކަށްވެސް ބަލާފައިވާނެ ކަމަށް ޝަހީމް ވިދާޅުވިއެވެ.

“ ޤާނޫނުގައި އެބަހުރި މުދަލު ޒަކާތުގެ ވާހަކަ ވަރަށް ތަފްސީލީކޮށް. ޒަކާތް ނެރެންޖެހޭ މުދަލާ ޒަކާތް ނެރެން ނުޖެހޭ މުދާ. ޖަމިއްޔާތަކާއި ޚައިރާތު ފަންޑުތައް ފަދަ އާއްމުންގެ މަސްލަޙަތު އޮންނަ ކަންކަމުން ނުޖެހޭނެ ޒަކާތް ނެރޭކަށް. މިކަންކަން ހިމަނާފައި ހުރީމަ ވަރަށް ފަސޭހަވޭ އެބަ ރައްޔިތުންނަށް.“ ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ، ޤާނޫނުގައި ބަޔާން ކުރާ ބައެއް މުހިންމު އުސޫލުތައް 5 މަސް ދުވަހުގެ ތެރޭގައި އެކުލަވާލާ އާއްމު ކުރާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް