އާދިއްތަ, ޑިސެމްބަރ 7, 2025
spot_img
- Advertisement -spot_img

ބޮޑުތަކުރުފާނު މަގުގެ ފުރަތަމަ ސެގްމެންޓްގައި ތާރުއަޅަން ފަށައިފި

ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ސެގްމަންޓް 1 ގައި ތާރުއެޅުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.

މި މަސައްކަތް ކުރިއަށްގެންދާ އެމްޓީސީސީ އިން ބުނީ، ސެގްމަންޓް 1 ގައި ތާރުއެޅުމުގެ މަސައްކަތް ފަށާފައިވަނީ ޝަހީދު ޙުސައިން އާދަމް ބިލްޑިންގްއާ ހަމައަށް ވާގޮތަށެވެ. މިއީ 130 މީޓަރުގެ ސަރަޙައްދެކެވެ.

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢު ޖުމްލަ 5 ސެގްމަންޓަކަށް ބަހާލައިގެން ކުރިއަށްގެންދާއިރު، ފުރަތަމަ ފިޔަވަހީގައި ތަރައްޤީކުރަނީ މާލޭގެ ލޯކަލް މާރުކޭޓު ސަރަޙައްދުން ފެށިގެން ހުޅުމާލެ ފެރީ ޓަރމިނަލްއާ ހަމައަށެވެ.

އެމްޓީސީސީން ބުނީ މިހާރު ތާރު އެޅުމުގެ މަސައްކަތް ފަށާފައިވާކަމަށާއި، މި ސަރަޙައްދުގައި ތާރުއެޅުމުގެ މަސައްކަތް ފަށާފައިވަނީ މަރުކަޒީ ބޭންކުގެ ކުރިމަތިން އޮންނަ 132 މީޓަރު ސަރަހައްދެއްގައި ޝީޓްޕައިލްކޮށް ހިއްކުމަށްފަހުކަމަށެވެ. މަސައްކަތުގެ ތެރޭގައި އެ ސަރަޙައްދުގެ އެއްގަމު ތޮށި ތަރައްޤީކޮށްފައިވަނީ މަގު ފުޅާކުރުމަށްޓަކައި ބޭރުތޮށި 6 މީޓަރު ބޭރަށް ޖެއްސުމަށްފަހުއެވެ.

މި މަޝްރޫޢުގެ ދަށުން މަގު ތަރައްޤީކުރަނީ ޒަމާނީ ފެން ހިންދާ ނިޒާމަކާއެކުއެވެ. މާލޭ ބޮޑުތަކުރުފާނު މަގުގެ އެމްއެމްއޭ ކުރިމައްޗާ ދިމާލު ހަތަރު ލޭނަށް ފުޅާކުރުމަށް ކުރަމުންގެންދާ މަސައްކަތްތަކުގެ 97 އިންސައްތަ ނިމިފައިވާކަމަށް އެމްޓީސީސީން ވަނީ ހާމަކޮށްފައެވެ. އެ ކުންފުނިން ބުނީ ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް މަސައްކަތް ކުރިއަށްދާކަމަށާއި، އަންނަ ރަމަޟާންމަސް ފެށުމުގެ ކުރިން މަސައްކަތް ނިންމުމަށް ނިންމާފައިވާކަމަށެވެ.

ބޮޑުތަކުރުފާނުމަގު އުތުރު ފަރާތުން މަގު ފުޅާކޮށް ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް އެމްޓީސީސީން ފަށާފައިވަނީ ހުސްވި އޮގަސްޓްމަހުގެ 21 ވަނަ ދުވަހުއެވެ. މުޅި މިމަޝްރޫޢުގެ 5 ސެގްމަންޓްގައި ޖުމްލަ 830 މީޓަރުގެ މަގު ތަރައްޤީކުރެއެވެ. މަސައްކަތްތައް އަވަސްކުރުމަށްޓަކައި އެމްޓީސީސީން 24 ގަޑިއިރު އަންނަނީ މަސައްކަތް ކުރަމުންނެވެ. 4 ލޭނަކަށް ތަރައްޤީކުރާ މިމަގުގެ މަސައްކަތް ނިމޭއިރު، ދުއްވާ މީހުންނާއި ހިނގާ މީހުންނަށް ޚާއްސަ ލޭނެއްވެސް ހިމެނޭނެއެވެ.

މި މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 144,509,024.16 ރުފިޔާއަށެވެ. މި މަޝްރޫއަކީ ދިވެހި ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއުއެކެވެ. އެ ކުންފުންޏަށް މި މަސައްކަތް 455 ދުވަސްތެރޭ ނިންމުމަށް ވަނީ ހަވާލުކޮށްފައެވެ. ބޮޑު ތަކުރުފާނު މަގު ތަރައްޤީކުރުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ތާރުއެޅުމުގެ މަސައްކަތް ފަށާފައިވާއިރު އެމްޓީސީސީން މިހާރު އަންނަނީ ދެވަނަ ފިޔަވަހީގެ މަސައްކަތް ފެށުމަށްވެސް ތައްޔާރުވަމުންނެވެ.

ގުޅުންހުރި ލިޔުންތައް