ސްރީލަންކާއަށް ކުރިމަތިވެފައިވާ ކާރިސާގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ރާއްޖޭގެ މީޑިއާތައް ގުޅިގެން ކުރިއަށްގެންދިޔަ ”ސިލޯނާއެކު ދިވެހީން“ ޓެލެތޯނަށް ދިވެހި ފުލުހުންގެ ޚިދުމަތުން 2.45 މިލިޔަން ރުފިޔާ ހަދިޔާކޮށްފިއެވެ.
ލަންކާއަށް އެހީވުމުގެ ގޮތުން ކުރިއަށްގެންދާ ޓެލެތޯނަށް ފުލުހުން ހަދިޔާ ކުރި 2.45 މިލިޔަން ރުފިޔާއަކީ އެއް ފަހަރާތަކުން ހަދިޔާކުރި އެންމެ ބޮޑު އެއް އެހީއެވެ. ޤައުމީ ދިފާޢީ ބާރުން ވެސް ވަނީ އެއް މިލިޔަން ރުފިޔާ ހަދިޔާކޮށްފައެވެ.
ޕޮލިސް ކޮމިޝަނަރު އިސްމާއީލް ނަވީނާއި ފުލުހުންގެ އިސްވެރިން ވަނީ މިއަދު ޕީއެސްއެމްގެ ސުޓޫޑިއޯއަށް ވަޑައިގެންފައެވެ.
ޕޮލިސް ކޮމިޝަނަރު އިސްމާޢީލް ނަވީން ވިދާޅުވީ، ސިލޯނާއެކު ދިވެހިން ތިބިކަން އެންމެ ބޮޑަށް ދޭހަވާ އެއް ކަމަކީ، ދިވެހިންގެ ފަރާތުން ލިބޭ އެހީތެރިކަން ކަމަށެވެ. އަދި ސްރީލަންކާގެ ރައްޔިތުންނަށް މި ކާރިސާއިން ވީހާއަވަހަށް އަރައިގަނެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ސީޕީ ވިދާޅުވިއެވެ.
ޕީއެސްއެމްއިން އިސްނަގައިގެން ރާއްޖޭގެ މީޑީއާތަކާއި ގުޅިގެން ބާއްވާ ޓެލެތޯނަށް ދިވެހި ފުލުހުންގެ ފަރާތުން ހަދިޔާކޮށްފައިވަނީ މުޅި ޖުމްލަ 2،455،111.26 ރުފިޔާއެވެ.
މި ޓެލެތޯނަކީ ދައުލަތުގެ މީޑިއާއާއި ރާއްޖޭގެ 38 މީޑީއާއެއް ގުޅިގެން ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާއަށް ލިބުނުގެ ގެއްލުމުން އަރައިގަތުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ ޓެލެތޯނެކެވެ. މި ޓެލެތޯނަށް މިހާތަނަށް 10 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ވަނީ ލިބިފައެވެ.



