ރާއްޖެ އިން ޖަޕާނަށް ކަނޑައަޅާ ސަފީރު ކަމަށް، ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު އައްޔަނު ކުރަން ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ފާސްކޮށްފިއެވެ.
ޖަޕާނަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމަށް ކުރީގެ މިނިސްޓަރު މަހުލޫފް އައްޔަނު ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވާފައިވަނީ ނޮވެމްބަރު 25 ވަނަ ދުވަހުއެވެ.
މިއަދު ބޭއްވި މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީގެ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު ވަނީ ކޮމިޓީގެ ފަރާތުން މަހުލޫފްއާ އިންޓަވިއު ކޮށްފައިވާކަން ފާހަގަކުރައްވާފައެވެ. އަދި އެ އިންޓަވިއުގައި މަހުލޫފް ދެއްވި ޖަވާބުތަކާއި ރައީސް އޮފީހުން ފޮނުވާފައިވާ ވަނަވަރަށް ބެލުމުން މަހުލޫފަކީ މި މަގާމަށް ގާބިލު ތަޖުރިބާހުރި ބޭފުޅެއްކަން ހާމަވާކަމަށް ވިދާޅުވިއެވެ. އަދި ރެކޯޑް ސާފުކުރުމުން މަހުލޫފް މަގާމަށް އައްޔަނު ކުރުމަށް މައްސަލައެއް ނެތްކަން ހާމަވާކަމަށް ޒަރީރު ވިދާޅުވިއެވެ.
”ޒުވާން ގާބިލު ތަޖުރިބާހުރި ބޭފުޅެއް ޖަޕާނުގެ ސަފީރު ކަމަށް މި އައްޔަނުކުރަނީ.“ ޒަރީރު ވިދާޅުވިއެވެ.
ޚާރިޖީ ގުޅުންތަކުގެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން ވަނީ ޖަޕާނަށް ކަނޑައަޅާ ސަފީރު ކަމަށް މަހުލޫފް އައްޔަނު ކުރުމަށް ރުހުންދޭން ފާސްކޮށްފައެވެ.
މީގެއިތުރުން މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ވަނީ ޖޯޑަންއަށް ކަނޑައަޅާ ނޮންރެސިޑެންޓް ސަފީރު ކަމަށް ޑރ. ހާލާ ހަމީދު އަދި ފަލަސްތީނަށް ކަނޑައަޅާ ނޮންރެސިޑެންޓް ސަފީރު ކަމަށް ޑރ. އިބްރާހިމް ޒުހުރީ އައްޔަނު ކުރުމަށްވެސް ރުހުން ދީފައެވެ.
އެމްޑީޕީގެ ލީޑާޝިޕްގައި ގިނަ މަސައްކަތްތަކެއް ކުރެއްވި މަހުލޫފް އެމްޑީޕީން ވަކިވެވަޑައިގަތީ މިދިޔަ ސެޕްޓެމްބަރު މަސް ތެރޭގަ އެވެ. މަހުލޫފް ސިޔާސީ މައިދާނުން ފުރަތަމަ ފެނުނީ ޑީއާރުޕީންނެވެ. އެއަށް ފަހު އެ ޕާޓީގެ ތެރެއިން އުފެދުނު ޕީޕީއެމް އުފެއްދުމުގައި އިސްކޮށް އުޅުއްވިއެވެ. މަހުލޫފް އެމްޑީޕީއާ ގުޅިވަޑައިގަތީ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި އެމަނިކުފާނާ ގުޅުންގޯސްވި ހިސާބުންނެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި މަހުލޫފް ވަނީ ޔޫތު މިނިސްޓަރުކަން ކުރައްވައިފައެވެ.



