އާދިއްތަ, ޑިސެމްބަރ 7, 2025
spot_img
- Advertisement -spot_img

ޖަޕާނުން ދިވެހި ފުލުހުންނަށް ކަނޑު އުޅަނދެއް ހަދިޔާކޮށްފި

ދިވެހި ފުލުހުންގެ ހިދުމަތުގެ ގާބިލުކަން އިތުރުކޮށް، ކަނޑުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމުގެ މަގުސަދުގައި، ޖަޕާން ސަރުކާރުން ދިވެހި ފުލުހުންނަށް ކަނޑު އުޅަނދުތަކެއް ހަދިޔާކޮށްފިއެވެ.

މި އުޅަނދުތައް ފުލުހުންނާ ހަވާލުކުރުމުގެ ރަސްމިއްޔާތެއް އިއްޔެ ވަނީ ބާއްވާފައެވެ.

އިއްޔެ ބޭއްވި މި ރަސްމިއްޔާތުގައި، ޖަޕާން ސަރުކާރުން ފަސް ލޯންޗާއި ތިން ރިޖިޑް ހަލްޑް އިންފްލޭޓަބަލް ބޯޓު (އާރުއެޗްއައިބީ) ފުލުހުންނާ ހަވާލުކޮށްފައެވެ. މި ތަކެތި ފުލުހުންނާ ހަވާލުކޮށްދެއްވީ ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ޖަޕާނުގެ ސަފީރު އިޝިގާމީ ރޫމިކޯއެވެ.

ޖަޕާން އެމްބަސީން ބުނީ، އިގުތިސާދީ އަދި އިޖުތިމާއީ ތަރައްގީގެ ޕްރޮގްރާމުގެ ދަށުން ދިން އެ ހިލޭ އެހީގެ މަގުސަދަކީ، ރާއްޖޭގައި މަސައްކަތް ކުރުމުގެ ގާބިލުކަން އިތުރުކުރުމާއި، ކަނޑުގެ ސަލާމަތީ ކަންކަން ވަރުގަދަކުރުން ކަމަށެވެ. މިއީ ހާއްސަކޮށް، ދިވެވެހި ފުލުހުންގެ ހިދުމަތުގެ މަސައްކަތް ކުރުމުގެ ގާބިލުކަން އިތުރުކުރުމަށް ދެވޭ އެހީއެކެވެ.

ފުލުހުންނަށް ހަދިޔާކުރި މި އުޅަނދުތަކަކީ 2022 ވަނަ އަހަރުގެ މެއި މަހު ސޮއިކުރި އެކްސްޗޭންޖް އޮފް ނޯޓްސްގެ ދަށުން ކުރިއަށްގެންދާ މަޝްރޫއުގެ ބައެކެވެ. އެ މަޝްރޫއުގެ ދަށުން ރާއްޖޭގެ އިގުތިސާދީ އަދި އިޖުތިމާއީ ތަރައްގީ އިތުރަށް ކުރިއެރުވުމަށް 650 މިލިއަން ޖަޕާނީސް ޔެން (ގާތްގަނޑަކަށް 5.1 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 78.6 މިލިއަން ދިވެހި ރުފިޔާ) ހިލޭ އެހީ ފޯރުކޮށް ދޭން އޮތީ ނިންމައިފައެވެ.

ޖަޕާން އެމްބަސީން ބުނީ، ހަދިޔާކުރާ އުޅަނދުތަކުގެ ސަބަބުން، ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހިނގާ ކަނޑުގެ އެކްސިޑެންޓުތަކަށާއި އެހެނިހެން ސަލާމަތީ ކަންކަމަށް އަވަހަށް އަދި ފަސޭހައިން އެޓެންޑުވުމަށް އެހީތެރިވެދޭނެ ކަމަށެވެ. އަދި އެ އުޅަނދުތަކުގެ ސަބަބުން، ފުލުހުންގެ ހިދުމަތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދުވަހުން ދުވަހަށް ކުރާ ފުލުހުންގެ މަސައްކަތްތައް ހަރުދަނާވެ، ހެޔޮގޮތުގައި ކުރިއަށްގެންދެވޭނެ ކަމަށް ޖަޕާނު ސަރުކާރުން ދެކެއެވެ.

ޖަޕާނުން މީގެ ކުރިން ވެސް އެކި ފަހަރު މަތިން ދިވެހި ފުލުހުންނަށް އެކި ވަސީލަތްތައް އެހީގެ ގޮތުގައި ފޯރުކޮށް ދީފައިވެއެވެ.

ގުޅުންހުރި ލިޔުންތައް