އާދިއްތަ, ޑިސެމްބަރ 7, 2025
spot_img
- Advertisement -spot_img

ފާޙިޝްކަންތައްތައް ފެތުރުމާއި އެ ފަދަ ކަންކަމަށް މަގުފަހިކޮށްދޭ ހުރިހައި ކަމެއްވެސް ޙަރާމް: ޚުޠުބާ

ހުރިހާ ގޮތަކުން މުޖުތަމަޢު ފާޙިޝް ކަންތައްތަކާ ދުރުހެލިކުރުމަށް އިސްލާމްދީން ބާރުއަޅާ ކަމަށް މިއަދުގެ ހުކުރު ހުޠުބާގައި ބުނެފިއެވެ.

ފާޙިޝް ޢަމަލުތަކާ ދުރުހެލިވުން“ މި ނަމުގައި މިއަދު ދިން ހުކުރު ހުތުބާގައި ބުނީ الله سُبْحَانَهُ وَتَعَالَى ވަނީ ފާޙިޝް ކަންތައްތަކާ ދުރުހެލިވުމަށް އަހަރެމެންނަށް އަމުރުކުރައްވާފައި ކަމަށާއި އިސްލާމްދީންވަނީ އަފުރާދުންނާއި މުޖުތަމަޢު ފާޙިޝު ކަންތައްތަކާ ދުރުހެލިކުރުމަށް ހުރިހައި ގޮތަކުން ބާރުއަޅުއްވާ އެ ފަދަ ކަންކަން ޙަރާމްކުރައްވާފައި ކަމަށެވެ.

އަދި فاحش ކަންތައްތަކާ ތިޔަބައިމީހުން ކައިރި ނުވާށެވެ! އޭގެތެރެއިން ފާޅުވެގެންވާ ކަންތަކާއި، ވަންހަނާ ވެގެންވާ ކަންތަކެވެ.“ މާތް ﷲ ވަހީ ކުރައްވާފައިވާ ކަމަށް ހުތުބާގައި ބުނެފައި ވެއެވެ.

ހުތުބާގައި ބުނީ އިސްލާމްދީންވަނީ ފާޙިޝްކަންތައްތަކާ ދުރުހެލިވުމުގެ އިތުރުން އެ ފަދަ ކަންތައްތައް ފެތުރުމާއި އެ ފަދަ ކަންކަމަށް މަގުފަހިކޮށްދޭ ހުރިހައި ކަމެއް ވެސް ޙަރާމްކުރައްވާފައި ކަމަށެވެ.

”ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ حرامކުރެއްވިކަން ކަށަވަރީ، فاحش ކަންތައްތަކެވެ. އޭގެތެރެއިން ފާޅުވެގެންވާ ކަންތަކާއި ވަންހަނާ ވެގެންވާ ކަންތަކެވެ. އަދި ފާފަކުރުމާއި، حقއަކާ ނުލައި (މީސްތަކުންނަށް) އަނިޔާވެރިވުމެވެ. އަދި އެ އެއްޗަކަށް އެއްވެސް حجّة އެއް ދެއްވައިފައި ނުވާ އެއްޗެއް، ތިޔަބައިމީހުން، اللهއަށް شريكކުރުމެވެ. އަދި ތިޔަބައިމީހުންނަށް އެނގިގެންނުވާ އެއްޗެއް، اللهއާ މެދު ތިޔަބައިމީހުން ބުނުމެވެ.“ މާތް ﷲ ވަހީ ކުރައްވާފައިވާ ކަމަށް ހުތުބާގައި ބުނެފައި ވެއެވެ.

ހުތުބާގައި ބުނީ الله تَعَالَى ވަނީ ފާޙިޝްކަންތައްތަކާ ދުރުހެލިވުމުގެ އިތުރަށް، އެ ފަދަ ކަންތައްތަކަށް އަރައިނުގަތް ކަމުގައިވީ ނަމަވެސް، ފާޙިޝް ކަންތައްތައް މުސްލިމުންގެ ތެރޭގައި ފެތުރުމަށް ލޯބިކުރާ މީހުންނަށް ދުނިޔެއާއި އާޚިރަތުގައި ވެސް ބޮޑުވެގެންވާ ޢަޛާބުހުރިކަން އަންގަވާފައި ކަމަށެވެ.

”ހަމަކަށަވަރުން، إيمانވީ މީހުންގެ ތެރޭގައި ހުތުރުކަން ބޮޑު ފާފައިގެ ވާހަކައާއި، عمل، ފެތުރިގެންދިއުމަށް ލޯބިކުރާ މީހުން (ދަންނާށެވެ!) ދުނިޔެއާއި آخرةގައި ވޭންދެނިވި عذاب އެ މީހުންނަށް ހުށްޓެވެ. الله ދެނެވޮޑިގެންވެތެވެ. އަދި ތިޔަބައިމީހުންނަކަށް ނޭނގެތެވެ.“ މާތް ﷲ ވަހީ ކުރައްވާފައިވާ ކަަމަށް ހުތުބާގައި ބުނެފައި ވެއެވެ. ހުތުބާގައި ބުނީ ޤައުމެއްގައި ފާޙިޝް ކަންތައްތައް ފެތުރި ޢާންމުވުމަކީ އެ ތަނަކަށް ﷲގެ ކޯފާއަންނާނޭ ސަބަބެއްކަމަށެވެ.

މިއަދުގެ މުޖުތަމަޢުތަކުގައި ފާޙިޝް ކަންތައްތައް ފެތުރުމުގެ އެންމެ ބޮޑު ދައުރެއް އަދާކުރަނީ މީސްމީޑިއާގެ ވަސީލަތްތައް ކަމަށާއި ނޫސްމަޖައްލާތަކާއި، ޓީވީތަކާއި، ރޭޑިޔޯތަކާއި، އިޖުތިމާޢީ އެކިއެކި މަންސަތައް މެދުވެރިކޮށް އެއްވެސް ލަދެއްނެތި، ދުވާލެއް ރޭގަނޑެއް ބެލުމެއްނެތި، ހިތުހުރިހައި ވާހަކަތަކާއި، އޯޑިއޯތަކާއި ވީޑިޔޯތައް، އެ ވިއުގަތަކުގައި ފަތުރަނީ ކުޑަކުދިންނާއި، ޒުވާނުންނާއި، އެންމެހައި އަފުރާދުންނަށް އެއިންލިބިދާނޭ ގެއްލުމާއި ހަލާކަށް ވިސްނައިލުމެއް ފިކުރުކުރުމެއްނެތި ކަމަށް ހުތުބާގައި ބުނެފައި ވެއެވެ

ހުތުބާގައި ވަނީ ނޫސްމަޖައްލާތަކާއި، ޓީވީތަކާއި، ރޭޑިޔޯތަކާއި އިޖުތިމާޢީ އެކިއެކި މަންސަތަކުގެ މަސްއޫލުވެރީންނާއި އެޑިޓަރުން މިކަންކަމަށް ފަރުވާތެރިވެ، ފާޙިޝް ކަންކަމަށް މަގުފަހިވާ ތަކެތި ފެތުރުމާއި ޢާންމުކުރުމުން ދުރުހެލިވާންޖެހޭކަން ހަނދާންކޮށްދީފައެވެ.

ޝަރުޢީ ގޮތުން ހުއްދަނޫން މަންޒަރުތަކާއި އަޑުތައް ނުހިމެނޭ ގޮތަށް، ޝަރުޢީ އިމުގެތެރެއިން މީޑިޔާގެ ވަސީލަތްތައް ބޭނުންކުރުމަށް، އެ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންނަށް މަގުދައްކައިދީ ނަސޭހަތްތެރިވާންޖެހޭކަމަށް ހުތުބާގައި ބުނެފައި ވެއެވެ.

ހުތުބާގައި ވަނީ މުޖުތަމަޢުގައި ފާޙިޝް ޢަމަލުކޮށް އެ ޢަމަލުތައް ފަތުރާ މީހުންނީ ކޮންމެ ބަޔަކު ކަމުގައި ވީނަމަވެސް، ދުނިޔެ މަތީގައި އެބައިމީހުން ނިކަމެތިކުރައްވައި ފަޟީޙަތްކުރައްވާނެ ކަން ހަނދާންކޮށްދީ ފާޙިޝް ޢަމަލުތަކާ ދުރުހެލިވެ ރަނގަޅު ތައުބާއަކުން އަވަހަށް ތައުބާވެ ފާޙިޝް ކަންތައްތަކުން މުޖުތަމަޢު ސަލާމަތްކުރަން މަސައްކަތްކުރާ ލަފާދާރު ޞާލިޙު މީހަކަށް ވުމަށް ގޮވާލާފައެވެ.

ގުޅުންހުރި ލިޔުންތައް