މިދުވަސްވަރަކީ ރާއްޖޭގެ މޫސުން ގޯސް ދުވަސްވަރަކަށްވާތީ ކަނޑު ދަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުވުމަށް އެމްއެންޑީއެފް އިން އިލްތިމާސްކޮށްފިއެވެ.
އެމްއެންޑީއެފް އިން ބުނީ ކޮންމެ ކަނޑުދަތުރެއް ކުރާއިރު މޫސުމާ ބެހޭ ގައުމީ އިދާރާގެ އިރުޝާދުތަކަށް ފުރިހަމައަށް ތަބާވާންޖެހޭނެ ކަމަށެވެ. އަދި ދަތުރުކުރާ އުޅަނދެއްގައި ގާނޫނީގޮތުން ފުރިހަމަވާންޖެހޭ އެންމެހައި ޝަރުތުތައް ފުރިހަމަކޮށްގެން ނޫނީ ދަތުރުނުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ކުރިއަށް އޮތް 24 ގަޑިއިރު ދެކުނާއި މެދު ރާއްޖެ ތެރެއަށް މޫސުން ގޯސްވާނެކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ.
އެއިދާރާއިން ބުނީ މިިހާރުކުރާ ވިއްސާރައަކީ ބޭ އޮފް ބެންގާލްގެ ހުޅަނގު ދެކުނުގައި އުފެދިފައިވާ ސިސްޓަމެއްގެ ސަބަބުން ލޯ ޕްރެޝަރ އިތުރަށް ބާރު ގަދަވެ ކޮޅިގަނޑަކަށް ބަދަލުވުމުން ކުރަމުންދާ ވިއްސާރައެއްކަމަށެވެ.
މިވިއްސާރައިގައި ކުރިއަށް އޮތް 24 ގަޑިއިރުވެސް ދެކުނާއި މެދުރާއްޖެތެރެއަށް މޫސުން ގޯސްވާނެކަމަށާއި، ވިލާގަނޑުގައި ކަނޑުތައް ގަދަވެ ވައި ބާރުވާނެކަމަށް މޫސުމާ ބެހޭ އިދާރާއިން ވިދާޅުވެއެވެ. އެހެންނަމަވެސް އުތުރުގެ އަތޮޅުތަކަށް މޫސުން އެހާ ގޯސްނުވާނެކަަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުންޏެވެ.
މެޓް އޮފީހުން ބުނީ މެދުރާއްޖެތެރޭގެ އަތޮޅުތަކަށް މޫސުން އަލިވާން ފަށާނީ ޑިސެމްބަރު 1އިން ފެށިގެންކަމަށެވެ. ނަމަވެސް އުތުރާއި ދެކުނުގެ އަތޮޅުތަކަށް މިމަހުގެ 29 އިން ފެށިގެން މޫސުން އަލިވާން ފަށާނެކަމަށް އެ އިދާރާއިން ބުންޏެވެ.



